05 Nov 2013, 18:51
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ހާޑް ކޮޕީ ނޫނީ ޗާޕުކުރި ކޮޕީއެއް އިލެކްޝަންސް ކޮމިޝަންގެ ތައްގަޑު ޖެހުމަށް ފަހު ދިނުމަށް ޕީޕީއެމުން އެދިފައިވާނެ ކަމަށާއި ނަމަވެސް އެފަދަ ލިސްޓެއް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ހަދާފައިވާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ނަސަންދުރާ ޕެލަސް ހޮޓެލްގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޕީޕީއެމްގެ އިންތިޚާބު ކޮމެޓީގެ މުގައްރިރު މުހައްމަދު ތޮލާލު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޗާޕު ކުރި ކޮޕީއެއް ދިނުމަށް އެ ޕާޓީގެ ފަރާތުން އެދުމުން އެ ލިސްޓު ޕްރިންޓް ކުރުމަށްދާ ހަރަދު ދިނުމަށް އެއްބަސްވާ ނަމަ ޗާޕު ލިސްޓް ދޭނެ ކަމަށް ކޮމިޝަނުން ބުނި ކަމަށެވެ. ނަމަވެސް އެ ލިސްޓަކީ އެ ކޮމިޝަނުން ދެއްވާ ލިސްޓެއްކަން އެނގޭ ގޮތަށް ދެއްވުމަށް އެދުމުން އެކަމާ އެބޭފުޅުން ދެކޮޅު ހައްދަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ލިސްޓް [ހާޑް ކޮޕީ] ޕްރިންޓް ކުރަންދާ ހަރަދުދޭ ކަމަށް ވަންޏާ ލިސްޓް ދެވިދާނެ ކަމަށް [އެބޭފުޅުން ވިދާޅުވި]. އެގޮތުން ރޭގައި އަގުތަކަކާއި އެއްޗެހި ދެއްވި. އޭގައި އެ ބޭފުޅުން މި ވިދާޅުވަނީ 79،000 ރުފިޔާ އަށް ލިސްޓު ދެވިދާނެ ކަމަށް. އެ އަދަދަށް ފައިސާ ދައްކައިގެން ނަމަވެސް އެ ލިސްޓު ބޭނުން ކަމަށް އެދުނު އިރުގައި އެ ލިސްޓަކީ އިލެކްޝަންސް ކޮމިޝަންގެ ތައްގަނޑެއް ނޫނީ އެބޭފުޅުން ސޮއިކުރައްވާފައި އޮތުމަށް އެދުނިން. ނަމަވެސް އޭގެން އެއްވެސް ކަމެއް ކޮށްދެއްވާކަށް އެބޭފުޅުން ބޭނުމެއް ނުވޭ،" ތޮލާލު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކަށް ލިސްޓު ޕްރިންޓް ކުރުމަށް ޓަކައި ދީފައިވާ އަގުތަކާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ސެކްޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ތިން ތަނެއްގެ އަގު ސިޔާސީ ޕާޓީތަކަށް ދީފައިވާނެ ކަމަށެވެ.
އެގޮތުން 79،000 ރުފިޔާ އަށް ހަ ގަޑި އިރު ތެރޭ ޕްރިންޓް ކޮށްދޭނެ ކަމަށް އެމްސެވަން އިން ދީފައިވާ އަގާއި 17،000 ރުފިޔާ އަށް އުއްމީދީ ޗާޕުހާނާ އިން، ތިން ދުވަސް ތެރޭ ޗާޕްކޮށްދޭނެ ކަމަށް ދީފައިވާ އަގާއި 50،000 ރުފިޔާ އަށް ނޮވެލްޓީ ޕްރިންޓާސް އިން ނިމޭނެ ވަކި ދުވަހެއް ނޭނގޭ ގޮތަށް ދީފައިވާ އަގެއް ހިމެނޭ ކަމަށެވެ. އަދި އެ އަގުތަކަކީ އެ ތަންތަނުން އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ އަގުތަކެއް ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.
އިނގިލީގެ ނިޝާނުގެ ސައްހަކަން ބެލުމަށް ޕީޕީއެމުން ހުށަހެޅި 6،000 މީހުންގެ ލިސްޓާ ބެހޭ ގޮތުން ތޮލާލު ވިދާޅުވީ އެ ޕާޓީގެ ފަރާތުން ފިންގާ ޕްރިންޓް ވެރިފިކޭޝަނަށް ފޯމުތައް ފޮނުވާފައި ވަނީ އިލެކްޝަން ކޮމިޝަނުން ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ފޮނުވި ފަހުން ކަމަށް އެ ކޮމިޝަނުން ބުނުމަކީ ކަނޑެޅިގެން އޮޅުވާލުމެއް ކަމަށެވެ. އަދި އެ ކޮމިޝަނުން ލިސްޓްތައް ވެރިފިކޭޝަނަށް ފޮނުވުމުގެ ކުރިން އެ ޕާޓީން އެ ހަ ހާސް މީހުންގެ ލިސްޓް ފޮނުވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތޮލާލު ވިދާޅުވީ އެ ޕާޓީން އެ ލިސްޓް އިލެކްޝަންސް ކޮމިޝަނަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
ތޮލާލު އިތުރަށް ވިދާޅުވީ ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ފުލުހުންނަށް ހުށަހެޅުމުގެ ކުރިން ފޯމުތައް ނެންގެވީ ރިޔާސީ ކެނޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ކަމަށް ވިދާޅުވެފައި ވާތީ އެއީ ވެސް ދޮގެއް ކަމަށެވެ.
"އަޅުނގަޑުމެންގެ މަންދޫބުގެ ހާޒިރުގައި ނަންގަވާފައި ވަނީ 2750 ފޯމު. އަދި އެ ފޯމުތަކުގެ އައިޑީ ކާޑު ނަންބަރާއި އެޑްރެހާ ދޭން އެދުމުން އެ ވެސް ދެއްވާފައެއް ނުވޭ. އަދި އޭގެ ފަހުން އެ ނެންގެވި ފޯމުތައް ނެންގެވީ އަޅުނގަޑުމެންގެ ހާޒިރުގައެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަނުން ދެއްވާފައިވާ ސޮފްޓް ކޮޕީ ޗެކްކުރަމުންދާ ކަމަށް ފާހަގަކުރައްވައި ތޮލާލު ވިދާޅުވީ އެ ލިސްޓުގައި މާބޮޑެތި މައްސަލަތަކެއް ނޫޅޭ ނަމަ އެ ލިސްޓްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ސޮއި ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
އޭނާ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވުމަށް ވެސް އޭނާ އެދިވަޑައިގަންނަވާ ކަމަށާއި އެ ޕާޓީގެ ހައްގެއް ގެއްލޭ ގޮތަށް ކަމެއްކޮށްފި ނަމަ އިންސާފު ހޯދުމަށް ތެދުވާނެ ކަމަށެވެ.