އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ އިރު އެ ލިސްޓްގައި މައްސަލަތަކެއް ހުއްޓަސް ސޮއިކުރަން އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން މަސްދަރުގެ ގޮތުގައި ބަލައި އިލެކްޝަންސް ކޮމިޝަން އިން އެކުލަވާލާފައިވާ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި މައްސަލަތަކެއް ހުރިކަން އެ ޕާޓީ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް އެ ލިސްޓުގައި ފާހަގަ ކުރެވުނު މައްސަލަތަކުގެ ޖުމްލަ އަދަދަކީ 0.04 ޕަސެންޓް ކަމަށާއި އެއީ ބައިނަލްއަގުވާމީ މިންގަނޑުތަކުން ބެލި ނަމަވެސް ކުށް ހުރި މިންވަރު މަދު އަދެއް ކަމަށެވެ.

"މިޕާޓީ އިން ގަސްދުކުރަނީ މި ލިސްޓު ގަބޫލުކޮށް ލިސްޓްގައި ސޮއިކޮށް ރިޔާސީ އިންތިހާބައިގެން ކުރިއަށް ދާށެވެ،" އެމްޑީޕީގެ ނޫސް ބަޔާނުގައިވެ އެވެ.

އެމްޑީޕީން ވަނީ އެ ލިސްޓުގައި ހުރި މައްސަލަތަކުގެ ގޮތުގައި ހަ ޕޮއިންޓެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސެޕްޓެމްބަރު 7ގައި ބޭއްވި އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ވުރެ ނޮވެމްބަރު 9ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު މަދު ކަން އެމްޑީޕީން ވަނީ ފާހަގަކޮށްފަ އެވެ.

ސެޕްޓެމްބަރު 7ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުން ކަމުގައި އިލެކްޝަނުން ހާމަކުރި އަދަދަކީ 239539 މީހުންނެވެ. ނަމަވެސް މި ނޮވެމްބަރުގައި ބާއްވާ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 239105 މީހުންނެވެ. އެހެން ކަމުން މިފަހަރު ވޯޓުލާ މީހުންގެ އަދަދު މިދިޔަ ފަހަރާ އަޅާ ބަލާ އިރު 488 މީހުން މަދު ކަމަށް އެމްޑީޕީން ވަނީ ފާހަގަކޮށްފަ އެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައި 2304 އައިޑީ ކާޑު އިތުރުވެފައިވާ އިރު 2792 އައިޑީ ކާޑު ސެޕްޓެމްބަރު ހަތެއްގެ ލިސްޓުން އުނިކޮށްފައިވާ ކަމަށް ވެސް އެ ޕާޓީން ވަނީ ފާހަގަކޮށްފަ އެވެ. އަދި މިފަހަރުގެ ލިސްޓުގައި 61 މީހުން ތަކުރާރުވެ ދެ އައިޑީ ކާޑު ނަންބަރު އެއްކަކަށް ދީފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

މީގެ އިތުރުން ނޮވެމްބަރު 9ގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 2304 އައިޑީކާޑު އިތުރުވެފައިވާ އިރު ސެޕްޓެމްބަރު ހަތަކުން ނޮވެމްބަރު 9 އަކަށް 18 އަހަރު ފުރުނު ކުދިންގެ އަދަދު ކަމުގައިވާ 1336 ކުދިން ކެނޑުމުން، ބުނަން ނޭނގޭ ގޮތަކަށް 968 ކުދިން އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ލިސްޓަށް އިތުރުވެފައިވާކަން އެމްޑީޕީން ވަނީ ފާހަގަކޮށްފަ އެވެ.