ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބޭނުން ކުރި ބެލެޓް ޕްރޮގްރެސިވް ރިޕޯޓިންގް ސިސްޓަމް (ބީޕީއާރްއެސް) ސޮފްޓްވެއާ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ބޭނުން ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އިދާރާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ސެޕްޓެމްބަރު މަހު ބޭނުން ކުރި ބީޕީއާރްއެސް ސޮފްޓްވެއާ މިފަހަރު ބޭނުން ނުކުރަން ކޮމިޝަނުން ނިންމީ އެ ސޮފްޓްވެއާ އާ ބެހޭ ގޮތުން ލިބުނު ޝަކުވާތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.

"އަޅުގަނޑުމެން ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އަޅުގަނޑުމެން ބޭނުން ކުރާ ނެޓް ބުކް އަށް ވެސް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަން. އެހެން ނަމަވެސް ސެޕްޓެންބަރު މަހުގެ ހަތް ވަނަ ދުވަހު އަޅުގަނޑުމެން ބޭނުން ކުރި ޕްރޮގުރެސް ދައްކުވައިދޭ ސޮފްޓުވެއާ މިފަހަރު ބޭނުން ނުކުރާނަން،" ފުއާދު ވިދާޅުވި އެވެ.

އެ ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ ސެޕްޓެންބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބޭނުން ކުރި ބީޕީއާރްއެސް ސޮފްޓްވެއާ މިފަހަރުގެ އިންތިހާބުގައި ބޭނުން ނުކުރަނީ އެ ސޮފްޓްވެއާ ބޭނުން ކުރުމުގެ ސަބަބުން އެ ކޮމިޝަނަށް ތަފާތު އެކި ތުހުމަތުތައްކޮށްފައިވާތީ ކަމަށެވެ. އަދި އެ ސޮފްޓްވެއާ ބޭނުން ކުރުމުން އާންމު ރައްޔިތުންނަށާއި މީޑިއާތަކަށް ތަފާތު އެކި އޮޅުންތައް އެރުމުން މިފަހަރު އެ ސޮފްޓްވެއާ ބޭނުން ނުކުރަން ނިންމީ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބީޕީއާރްއެސް ސޮފްޓްވެއާ ބޭނުން ނުކުރުމުން ވޯޓުލުމަށް ކިޔުގައި ތިބޭ މީހުންގެ އަދަދާއި އަދި ވޯޓުލަމުންދާ މީހުންގެ މިންވަރު އެ ކޮމިޝަންގެ ވެބްސައިޓުން ވަގުތުން ވަގުތަށް ނުފެންނާނެ ކަމަށް އަލީ މުހައްމަދު މަނިކު ވިދާޅުވި އެވެ.