ސައުދީ އަރަބިއްޔާގައި ލޭބަ މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގާނޫނުތަކާ ހިލާފަށް ދިރިއުޅެމުން ދިޔަ އެތައް ހާސް ބިދޭސީނެއް އިއްޔެ ހައްޔަރުކޮށްފި އެވެ.

ސައުދީ ރަބިއްޔާގެ "ސައުދީ ގެޒެޓް" ނޫހުން ބުނީ އެއޮޕަރޭޝަން ފެށީ، ގާނޫނާ ހިލާފުވެފައި ތިބި ބިދޭސީން ގާނޫނީ ކަންތައްތައް ފުރިހަމަ ކުރުމަށް ނުވަތަ ގައުމު ދޫކޮށް ދިއުމަށް ސަރުކާރުން ދިން މުހުލަތު ހަމަވުމުން ކަމަށެވެ.

އެއޮޕަރޭޝަނުގައި ސަމްތާ ނަމަކަށް ކިޔާ ރަށުން 2200 މީހުންނާއި ޖިއްދާއިން 1899 މީހުންނާއި ސަމްތާއިން 379 މީހުންނާއި ބާހާއިން 208 މީހުންނާއި ތަބޫކުން 150 މީހުންނާއި ޔަންބޫ އިން 85 މީހުންނާއި ހަފަރު އަލް ބާތިން އިން 80 މީހުން ހޯދައި ހައްޔަރުކޮށްފައިވާ ކަމަށް އެނޫހުން ބުންޏެވެ.

ސައުދީ ގެޒެޓަށް މައުލޫމާތު ދެއްވަމުން ޖިއްދާ ފުލުހުންގެ ތަރުޖަމާނު ނަވާފު އަލް ބޫގު ވިދާޅުވެފައި ވަނީ ގަވައިދާ ހިލާފަށް އުޅޭ މީހުން ހޯދީ ޕާކްތަކާއި އެނޫން ވެސް އެފަދަ މީހުން އުޅޭ ތަންތަން ބަލައި ފާސްކޮށްގެން ކަމަށެވެ.

ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ސައުދީ ސަރުކާރުން ބިދޭސީންނަށް މުހުލަތު ދިނުމަށް ހަމަވީ އިއްޔެ އެވެ. އެގޮތަށް އެކަން ނުކުރާ ފަރާތްތަކަށް ޖޫރިމަނާ ކުރުމާއި ޖަލަށް ލުމާއި ޑީޕޯޓް ކުރުން ފަދަ އަދަބު ދޭނެ ކަމުގެ އިންޒާރު އޭގެ ކުރިން ވަނީ ތަކުރާރުކޮށް ދީފައެވެ.