އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ކުޅުނު މެޗުގައި ފުލަމްގެ ސަޝާ ރީތާ، ޔުނައިޓެޑްގެ އަދުނާން ޔަނުޒާއަށް ހަމަލާ ދީފައިވާތީ އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަން (އެފްއޭ)ގެ އާ ގަވާއިދުގެ ދަށުން ރީތާއާ ދޭތެރޭގައި ފިޔަވަޅުއެޅުމަށް އެ އިދާރާއިން ނިންމައިފި އެވެ.

މެޗު ތެރޭގައި ހިނގާ ބައެއް ހާދިސާތައް ރެފްރީއާއި އަދި އެހެން މެޗު އޮފިޝަލަކަށް ވެސް ނުފެނުމުގެ ސަބަބުން ފިޔަވަޅު ނޭޅި ހުންނަ މައްސަލަތައް ފަހުން ބަލައި ފިޔަވަޅު އެޅޭ ގޮތަށް އެފްއޭގެ ގަވާއިދަށް ގެނައި އިސްލާހާ އެކު އެ ގަވާޢިދުގެ ދަށުން ފިޔަވަޅުއަޅާ ފުރަތަމަ ކުޅުންތެރިއަކީ ސަޝާ ރީތާ އެވެ.

ހޮނިހިރު ދުވަހު ފުލަމް އަތުން 3-1 އިން ޔުނައިޓެޑް މޮޅުވި މެޗުގައި ފުލަމްގެ 30 އަހަރުގެ ޑިފެންޑަރު ވަނީ ޔަނޫޒާގެ ފައި މައްޗަށް އަރައިފައެވެ. އެހެން ނަމަވެސް އެ މަންޒަރު މެޗުގެ އެއްވެސް އޮފިޝަލަކަށް ފެނިފައެއް ނުވެއެވެ.

އަލަށް އެކުލަވައިލެވުނު ގަވާއިދުގެ ދަށުން ކުރީގެ އެލީޓް ރެފްރީންގެ ގޮތުގައި މަސައްކަތްކުރި ތިން ރެފްރީންގެ ޕެނަލަކުން އެ މައްސަލަ ބެލުމަށްފަހު ލަފާ ދީފައިވަނީ، އެ ހާދިސާގައި ރީތާ އަމަލުކޮށްފައިވަނީ ނުރައްކާތެރި ކޮށް ކަމަށްވާތީ އޭނާއާ ދޭތެރޭގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

"އެފްއޭއިން މިފަދަ ކަމެއްގައި ފިޔަވަޅު އަޅާނީ ތިން މެންބަރުންގެ ޕެނަލްގެ ހުރިހާ މެންބަރުން ވެސް އެ އަމަލަކީ ކުޅުންތެރިޔާ ދަނޑުން ފޮނުވާލަން ޖެހޭފަދަ އަމަލެއް ކަމަށް އެއްބަސް ވުމުން،" އެފްއޭއިން ބުނެފައިވެ އެވެ. "މި ހާދިސާ ބެލި ޕެނަލުން ނިންމާފައިވަނީ، އެއީ ފިޔަވަޅު އަޅަން ޖެހޭފަދަ ނުރައްކާތެރި ހަމަލާއެއް ކަމަށް."

ރީތާއަށް އޭނާއާ ދޭތެރޭގައި ފިޔަވަޅު އެޅުމަށް އިނގިރޭސި އެފްއޭއިން ނިންމި ނިންމުމަށް ޖަވާބުދާރީ ވުމަށް، ޖީއެމްޓީ ގަޑިން މިއަދު 6:00އާއި ހަމައަށް ފުރުސަތު ލިބޭނެ އެވެ.

އެފްއޭއިން ރީތާއަށް ފިޔަވަޅު އަޅާނޭ ކަމަށް ނިންމުމުގެ ކުރިން، ސްޕެއިންގެ ސެން ސެބެސްޓިއަންގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި މިރޭ ރެއާލް ސޮސިޑާޑްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޮއެސް ބުނެފައިވަނީ، ޔަނޫޒާއަށް މިހާރަށް ވުރެ ބޮޑަށް ދަނޑުމަތީގައި ހިމާޔަތް ލިބެން ޖެހޭ ކަމަށާއި އަދި ފުލަމް މެޗުގައި ރީތާ ޔަނުޒާގެ ފައިމައްޗަށް އަރާފައިވާ މައްސަލަ ބަލަން ޖެހޭނޭ ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި މިހާރަށް ވުރެ ބޮޑަށް ޔަނުޒާއަށް ހިމާޔަތް ލިބެން އެބަޖެހޭ. އިދިކޮޅު ކުޅުންތެރިންގެ ފަރާތުން އޭނާއަށް ތަފާތު އަނިޔާތައް ލިބެމުން ދަނީ،" ޔުނައިޓެޑްގެ ކޯޗު ބުންޏެވެ.

މި ސީޒަންގައި ޔުނައިޓެޑްގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން މިޑްފީލްޑަރަށް ފުލަމް މެޗުގައި ރީތާ ހަމަލާ ދީފައިވީ ނަމަވެސް މިރޭ ޗެމްޕިއަންސް ލީގުގައި އެޓީމު ސޮސިޑާޑްއާ ދެކޮޅަށް ކުޅޭ މެޗަށް ޔަނޫޒާ ފިޓްކަމަށް ކުލަބުން ވަނީ ބުނެފަ އެވެ.