މިދިޔަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވަން އުޅުނު ރިޔާސީ އިންތިހާބަށް ފުލުހުން އެއްބާރުލުން ދިނުން ހުއްޓާ ނުލިނަމަ ރާއްޖޭގެ ގިނަ ބައެއްގެ ހައްގުތަކެއް ގެއްލިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)އިން ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނެފައި ވަނީ ރިޔާސީ އިންތިހާބްގެ ވޯޓް ލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުން ގެންދިޔަ މަސައްކަތަށް ފުލުހުން އެއްބާރުލުން ދިނުން ހުއްޓާލުމަށްފަހު، އެތަނުން އެއްވެސް އެއްޗެއް ނެރިޔަ ނުދީ ހިފަހެއްޓި ކަމަށް ބުނެ އިންޓަގްރިޓީއަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެކުލަވާލި ރިޕޯޓްގަ އެވެ.

ޕީއައިސީން ބުނީ އޮކްޓޯބަރު 19 ގައި އިލެކްޝަންސް ކޮމިޝަނަށް ފުލުހުން އެއްބާރުލުން ދިނުން ހުއްޓާނުލި ނަމަ، ހަމަހަމަ އިންސާފުވެރި އިންތިހާބެއްގައި ވޯޓްލުމުގެ އަސާސީ ހައްގުން ރައްޔިތުން މަހުރޫވުވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ފުލުހުންގެ ދައުރު އަދާކުރުމުގައި ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި އެހައްގުތައް ހިމާޔަތްކުރުމަކީ ފުލުހުންގެ ވާޖިބެއް ކަމަށް ފުލުހުންގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

ސެޕްޓެމްބަރު ހަތެއްގައި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބް ބާތިލްކޮށް ސުޕްރީމް ކޯޓުން ނެރުނު ހުކުމެއްގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ އެހެން މުއައްސަސާތަކުގެ މައްޗަށް އަންގައި ކޮށްފައިވާ އަމުރުގައި ފުލުހުން އިސްތިސްނާވެފައި ނުވާ ކަމަށް ވެސް ޕީއައިސީން ބުންޏެވެ. އަދި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ފުލުހުންގެ އިތުރުން ވެސް ރައްޔިތުން ވެސް އެއަށް ތަބާވާންޖެހޭނެ ނިންމުމެއް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

ޕީއައިސީން ބުނީ އެ އިންތިހާބަކީ ސުޕްރީމް ކޯޓުން ނެރެފައިވާ ގައިޑްލައިނުގައި ފާހަގަކޮށްފައިވާ ކަންކަން ފުރިހަމަ ނުކޮށް ކުރިއަށް ގެންދާ އިންތިހާބެއް ކަމުގައިވާނަމަ އެ އެކަމަށް ފުލުހުން އެއްބާރުލުން ނުދޭނެ ކަން ފުލުހުން އިލެކްޝަނަށް ސިޓީއަކުން އެންގި ކަމަށެވެ. ނަމަވެސް ސުޕްރީމްކޯޓުގެ ގައިޑްލައިންގައި ފާހަގަކޮށްފައިވާ ވަކި ކަމެއް ފުރިހަމަ ނުކޮށް ވެސް އިންތިހާބް ކުރިއަށް ގެންދިއުމާ ބެހޭ އަމުރެއް ސުޕްރީމް ކޯޓުން ނެރެފިނަމަ އެ އަމުރާ އެއްގޮތަށް ފުލުހުން އަމަލު ކުރާނެ ކަން ވެސް ފުލުހުން އަންގައިފައިވާ ކަމަށް ވެސް ޕީއައިސީން ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުން އިންތިހާބާ ގުޅިގެން ކޮށްފައިވާ ހުކުމުގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ނެގުމުގެ އިންތިޒާމްތައް އަލުން ކުރުމަށް އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކުގެ މައްޗަށް އަންގާފައިވާ އަމުރުގައިވާ 16 ނުކުތާގެ ތެރެއިން ކަނޑައެޅިގެން ސަލާމަތީ ބާރެއްގެ ގޮތުން ފުލުހުން އަމަލު ކުރުމަށް ބަޔާންކޮށްފައި އޮތީ 12 ވަނަ ނުކުތާގައި ކަމުގައިވާތީ ދެން ހުރި ކަންކަމުގައި ފުލުހުން އަމަލު ކުރަންވީ ސުޕްރީމް ކޯޓުން އިތުރަށް ސާފުކުރުމަށް ފަހު ފިޔަވަޅު އެޅުމަށް ފުލުހުންނަށް އެނެގުމަށް ވެސް ހޯމް މިނިސްޓްރީގައި ވަނީ އެދިފަ އެވެ.