ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އަހުމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ޖަވާބުދާރީވެ ވަޑައިގަތުމަށް އެކަށީގެންވާ ވަގުތު ލިބިވަޑައިނުގެންނެވި ކަމަށް މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މުއިއްޒު މިއަދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލާގައި އެންމެ އެކަށޭނެ ޖަވާބެއް ދެއްވަން ވަގުތު ލިބިވަޑައިނުގެންނެވި ކަމަށާއި ނަމަވެސް ކޮމެޓީގެ އެންގުމާ އެއްގޮތަށް ލިޔުމުން ޖަވާބު ދާރީވެވަޑައިގެންފައިވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމަށް އެކަށީގެންވާރުގެ ވަގުތެއް ލިބުނު ކަމަށް. އެހެން ނަމަވެސް އަޅުގަނޑު ވާނީ އެ ކޮމިޓީން ބުނި ވަގުތަށް ޖަވާބުދާރީވެފައި. ނަމަވެސް އެންމެ އެކަށީގެންވާރުގެ ޖަވާބެއް ދިނުމަށް އެންމެ ފުރިހަމަ ވަގުތެއް ނުލިބުނު،" މުއިއްޒު ވިދާޅުވި އެވެ.

އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ދިފާއުގައި މަޖިލީހުގެ ކޮމެޓީ އަށް ލިޔުމުން ހުށަހަޅުއްވާފައިވާ ޖަވާބެއް އެމަނިކުފާނު އަދި ވިދާޅެއްނުވެ އެވެ.

ޕީޖީ މުއިއްޒުގެ އިތުބާރު ނެތް ކަމަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ދިފާއުގައި ލިޔުމުން ޖަވާބުދާރީވެ ވަޑައިގަތުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އަންގާފައިވަނީ އިއްޔެ އެވެ. އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލާގައި ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް އެންގުމަށް އެ ކޮމެޓީން ފާސްކުރީ، އެ ކޮމެޓީ ހިންގަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ އެ ކޮމެޓީގެ ތިއްބެވި އެމްޑީޕީއާ އިދިކޮޅު މެންބަރުން އަޑުގަދަ ކުރެއްވުމުން އެ ކޮމެޓީގައި އެކަށީގެންވާ ވަރުގެ މާހައުލެއް ނެތް ކަމަށް ނިންމުމަށް ފަހުގަ އެވެ.

މިނިވަން މުވައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު އަހްމަދު ސަމީރު މިއަދު ވިދާޅުވީ މުއިއްޒު ކޮމެޓީ އަށް ލިޔުމުން ހުށަހަޅުއްވާފައިވާ ޖަވާބު ދިރާސާކުރެއްވުމަށް ފަހު އެ ކޮމެޓީން ގޮތެއް ނިންމާނެ ކަމަށެވެ.