02 Dec 2010, 11:37
ގާނޫނު އަސާސީއާ ހިލާފަށް ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އެ މީހާ ދޫކޮށްލުމުގެ އަމުރެއް އިމިގްރޭޝަންގެ މައްޗަށް ނެރެދިނުމަށް އެދި މީހަކު ކްރިމިނަލް ކޯޓަށް ހުށެހެޅި ޝަކުވާގެ މައްސަލައާ ގުޅިގެން އެ ބިދޭސީ މީހާ ކޯޓަށް ހާޒިރުކޮށްދިނުމަށް ކްރިމިނަލް ކޯޓުން އިމިގްރޭޝަންގެ މައްޗަށް އަމުރު ނެރެފި އެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނަނީ އެ ކޯޓުގެ އަމުރު ލިބޭތާ ދެ ގަޑިއިރުގެ ތެރޭގައި އެމީހާ ކޯޓަށް ހާޒިރު ކުރުމަށް އިމިގްޜޭޝަންގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
މި އަމުރު ނެރެފައި ވަނީ މިއަދު ހެނދުނު 10 ޖެހި އިރު އެވެ. ނަމަވެސް ބިދޭސީ މީހާގެ ގާނޫނީ ވަކީލު އަބްދުޤ ޝާއިރު ބުނެފައި ވަނީ ކޯޓް އަމުރާ އެއް ގޮތަށް އަދިވެސް ބިދޭސީ މީހާ ކޯޓަށް ހާޒިރު ކޮށްދީފައި ނުވާ ކަމަށެވެ.
"ހެނދުނު 10:00 ޖެހިރު އަމުރު ނެރެފި. މިހާރު 4.00 ޖަހައި ބޮޑުވީ އަދިވެސް ހާޒިރެއް ނުކުރޭ،" ޝާއިރު ވިދާޅުވި އެވެ.
ބިދޭސީ މީހާގެ މި މައްސަލަ ހުށަހަޅާފައި ވަނީ ގ. ގުލްއަލާގޭ އަބްދުލް ގާދިރު ގާސިމެވެ. އޭނާ ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހެޅި ޝަކުވާގައި ބުނަނީ އޭނާގެ ސޮޕޮންސާ ދަށުން ރާއްޖެ ގެނެސްފައިވާ ބަގްލަދޭޝްގެ ހޫރްޝީދު އާލަމް ނޮވެމްބަރު 28، 2010 ދުވަހުގެ ރޭ ގޭގައި ހުއްޓައި، އިމިގްރޭޝަންގެ އޮފިޝަލުންނާއި ފުލުހުން ގޮސް ހައްޔަރުކޮށް ދިވެހިނާދީ ހުންނަ ޢިމާރާތަކަށް ގެންގޮސްފައިވާ ކަމަށެވެ.
ގާދިރު ބުނީ އޭނާ ގެންގުޅޭ ބިދޭސީ މީހާ ހައްޔަރުކޮށް ފިޔަވަޅު އެޅީ ކީއްވެގެން ކަން އަންގާފައި ނުވާ ކަމަށާއި ބަންގުލަދޭޝްގެ އެ މީހާއަކީ ޤާނޫނާ އެއްގޮތަށް ބަރާބަރަށް ވިސާފީ ދައްކާފައިވާ މީހެއް ކަމަށެވެ.
އެކަން ސާބިތު ކުރާނެ ލިޔުންތަކެއް ވެސް ގާދިރު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.
ގާދިރު ހުށަހަޅާފައިވާ ޝަކުވާގައި ބުނަނީ އޭނާގެ ބެލުމުގެ ދަށުގައިވާ މީހާ ހައްޔަރުކުރީ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާއާއި 46 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އަދި ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުރިހައި ހައްގަކުން އެ ބިދޭސީ މީހާ މިވަގުތު މަހުރޫމް ކޮށްފައިވާ ކަމަށެވެ.
ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ހ) ގައި ހައްޔަރުކުރެވޭ މީހާއަށް އެމީހާ ހައްޔަރުކުރެވުނު ސަބަބު ވަގުތުން އަންގަންވާނެ ކަމަށާއި އަދި 24 ގަޑިއިރުގެތެރޭގައި އެކަން ލިޔުމުން އަންގަންވާނެ ކަމަށް އޮވެ އެވެ. އެމާއްދާގެ (ށ) ގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދާއި ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދޭންވާނެ ކަމަށް އޮންނައިރު އެމާއްދާގެ (ރ) ގައި ހައްޔަރުކުރުމަށްފަހު އެމީހަކު ހައްޔަރުކުރީ ޤާނޫނީ ހަމަތަކުގެމަތީންތޯ ކަނޑައެޅުމަށް 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންވާނެ ކަމަށް ވެސް އޮވެ އެވެ.