އޭޝިޔާގެ ފުޓްބޯޅައިގެ މައި އިދާރާ (އޭއެފްސީ) އިން އިންތިޒާމް ކޮށްގެން ބާއްވާ އޭއެފްސީ ކަޕް 2014 ފުޓްބޯޅަ މުބާރާތުގެ ގުރުލުން އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް އެއިދާރާއިން ނިންމައިފި އެވެ.

މުބާރާތުގެ ގުރުލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ އޭއެފްސީގެ މައި އިދާރާގަ އެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ނިއުރޭޑިއަޓް ސްޕޯޓްސް ކުލަބަށް ވަނީ ފުރުސަތު ލިބިފަ އެވެ. ނިއުއަށް އެ ފުރުސަތު ލިބިފައި ވަނީ ލީގް ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. އެކަމަކު މިދިޔަ އަހަރު އެފްއޭ ކަޕް ޗެމްޕިއަނުންގެ ގޮތުގައި އެ މުބާރާތުގައި ވާދަކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. މާޒިޔާއަށް މުބާރާތުގައި ވާދަކުރެވޭނެ ކަން މުޅިން ޔަގީން ވާނީ މިމަހުގެ 26 ވަނަ ދުވަހު އޭއެފްސީއިން ނިންމާ ނިންމުމަކުންނެވެ. އެއީ ދެ ވަނަ ގިންތީގެ ޓީމުތަކުގެ ތެރެއިން ޕްލޭއޯފް ކުޅެން ޖެހޭ ޓީމުތައް އޭއެފްސީން ނިންމާތީ އެވެ.

އޭއެފްސީ ކަޕުގައި ރާއްޖެއިން އެންމެ ފަހުން ވެސް ވާދަކުރީ ނިއު އާއި މާޒިޔާ އެވެ. އެގޮތުން މުބާރާތުގެ ކުއާޓާ ފައިނަލާ ހިސާބަށް ނިއު ދަތުރު ކުރިއިރު، މާޒިޔާ ވަނީ ގްރޫޕް ސްޓޭޖުން މުބާރާތަށް އަލްވަދާއު ކިޔައިފަ އެވެ.

އޭއެފްސީ ކަޕް 2013ގެ ޗެމްޕިއަންކަން މިދިޔަ ހޮނިހިރު ދުވަހު ހޯދީ ކުވޭތުގެ ކުވޭތު އެފްސީ އެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ އަލް ގަދްސިއާއާ ވާދަކޮށް 2-0 އިން މޮޅުވެގެންނެވެ.