ދިރާގުން އިންޓަނެޓު ހިދުމަތް ދިނުމަށް ބޭނުންކުރާ ސަބްމެރިން ކޭބަލް، މެލޭޝިއާ އާއި ތައިލެންޑާ ދެމެދު މަރާމަތު ކުރަމުން ދާތީ އިންޓަނެޓްގެ ހިދުމަތް ހޯދުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ބުނެފި އެވެ.

ދިރާގުން ބުނީ އިންޓަނެޓް ހިދުމަތް ދިނުމަށް ބޭނުންކުރާ ސަބްމެރިން ކޭބަލް ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކުރެވޭނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ކުންފުނިން އިންޓަނެޓް ދިނުމަށް ބޭނުންކުރާ ސައުތު އީސްޓް އޭޝިއާ މިޑްލް އީސްޓް ވެސްޓަން ޔޫރަޕް 4 (ސީމީވީ4) ސަބްމެރިން ކޭބަލް ސިސްޓަމް މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާ އިރު އިންޓަނެޓުގެ ހިދުމަތް ހޯދާ ބައެއް ކަސްޓަމަރުންނަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ތަހައްމަލު ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އޭގެ ތެރޭގައި ރާއްޖެ އިން ބޭރުގައި ހޮސްޓް ކޮށްފައިވާ ބައެއް ވެބްސައިޓްތަކަށް ވަނުމުގަ އާއި ބޭރުގެ ވެބްސައިޓްތައް ބްރައުޒް ކުރުމުގައި ލަސްވުން ފަދަ ކަންތައް ދިމާވެދާނެ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

"މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމުގެ ގޮތުން ބައިނަލްއަގްވާމީ ޕާޓްނަރުންނާ ގުޅިގެން އެހެނިހެން ރޫޓުތައް މެދުވެރިކޮށް ކުރިއެކޭ ވެސް އެއްގޮތަށް ކަސްޓަމަރުންނަށް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ދަނީ މަސައްކަތްކުރަމުން." ދިރާގުން ބުންޏެވެ.

ދިރާގުން ސަބްމެރިން ކޭބަލް މެދުވެރިކޮށް ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތްދޭން ފަށާފައި ވަނީ 2006 ވަނަ އަހަރު އެވެ.