ހއ. އަލިދޫ ރިސޯޓުން ވަގަށް ނަގާފައިވާ ފައިސާތަކެއް ލޯޝަން ފުޅިއެއްގެ ތެރެއަށްލާފައި ހުއްޓައި ހޯދާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހުގެ މެންދުރު 1:00 ހާއިރު ފުލުހުންނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން އުމުރުން 33 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެނާ ހައްޔަރުކޮށްފައި ވަނީ އަލިދޫ ރިސޯޓުގައި ހުއްޓަ އެވެ. ނަމަވެސް އޭނާއަކީ އެ ރިސޯޓުގެ މުވައްޒަފެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ. އަދި އޭނާ ވަގަށް ނަގާފައި ވަނީ ކޮންތާކު ހުރި ފައިސާއެއް ކަމެއް ވެސް ނޭނގެ އެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި މީހާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

އެ މައްސަލައިގައި އޭނާ ވަގަށް ނަގާފައިވާ 9،540ރ.ގެ ތެރެއިން ބައެއް ފައިސާ ހޯދާފައި ވަނީ އޭނާ ގެންގުޅުނު ލޯޝަންފުޅި އެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

ވައްކަމުގެ އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް 10 ދުވަސް އެ އަތޮޅު ވަށަފަރު މެޖިސްޓްރޭޓް ކޯޓުން ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.