ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ކައިރީ ހިސާބެއްގައި ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓެއްގައި 10 މީހުން މަރުވެ ވިއްސަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

ސްރީލަންކާގެ "ޑެއިލީ މިރާ" ނޫހުން ރޭ ބުނީ ބަންޑާރަވިލާގެ ޕޫނަގަލާ މަގުން ދުއްވާފައި ދިޔަ އެ ބަހެއް މަގުން ކައްސާލައި ގެން ވާދީއަކަށް ވެއްޓި، ހިލަގަނޑެއްގައި ޖެހުނު ކަމަށެވެ. އެ ހާދިސާގައި ބަސް ވަނީ މުޅިން ހަލާކުވެފަ އެވެ.

އެ ހާދިސާގައި ޒަހަމްވީ މީހުންގެ ތެރެއިން 17 މީހުންނަށް ބަންޑާރަވިލާގެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އިތުރު ހަމީހަކަށް ދިޔަތަލަވާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ނޫހުގައިވެ އެވެ.

ހާދިސާގައި މަރުވީ އަދި ޒަހަމްވީ ކޮންކޮން ބައެއް ކަމެއް އަދި އޮޅުމެއް ނުފިލަ އެވެ.

ބަންޑާރަވިލާއަކީ ވެރިރަށް ކޮލަމްބޯއާ ގާތްގަނޑަލަށް 192 ކިލޯމީޓަރު ދުރުގައިވާ ރަށެކެވެ.

ސްރީލަންކާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެ އެވެ. ނަމަވެސް އެކްސިޑެންޓްވީ ބަހުގައި ދިވެއްސަކު އިން ކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.