ކ. ގުރައިދޫ ސްކޫލުގައި ހުންނަ ފަންޑު ފޮއްޓާއި ޕްރީ ސްކޫލުގައި ހުންނަ ފަންޑު ފޮށީގެ އިތުރުން ޕްރީސްކޫލުގެ އޮފީހުން ފައިސާތަކެއް ވަގަށް ނަގައިފި އެވެ.

އެރަށު ކައުންސިލް އޮފީހުން ބުނީ ޕްރީ ސްކޫލު ފަޅާލައި ފައިސާތަކެއް ވަގަށް ނަގާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އެގޮތުން އެސްކޫލު އިދާރާގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ކޮށްފައިވާ އެ ވައްކަމުގައި އިދާރާ ތެރޭގައި ހުރި މޭޒެއްގެ ވަތްގަނޑުން ގާތްގަނޑަކަށް 5700 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ބުންޏެވެ. އަދި އެއީ މިދިޔަ މަހު ސްކޫލް ދަރިވަރުންގެ މަހު ފީ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ހަމަ އެދުވަހު ޕްރީ ސްކޫލުގައި ބަހައްޓާފައި ހުންނަ ފަންޑު ފޮށި ވެސް ވަގަށް ނަގައި އެ ސްކޫލް ކައިރީ މޫދަށް އެއްލައިލާފައި ވަނިކޮށް ފެނިފައިވާ ކަމަށާއި ނަމަވެސް އެ ފަންޑު ފޮށީގައި ހުރި ފައިސާގެ އަދަދެއް ބުނަން ނޭނގޭ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ އެރަށު ސްކޫލުގައި ހުންނަ ފަންޑު ފޮށި ވެސް ރޭ ފަތިހުގެ ވަގުތެއްގައި ހަލާކުކޮށްލައި ވައްކަން ކޮށްފައިވާ ކަމަށެވެ.

"މޫނު ނިވާކޮށްގެން ތިބި ތިން މީހަކު ތޫނު ހަތިޔާރާއި އެކު ވަދެ ސެކިއުރިޓީ ބަލަހައްޓާ އޮފިސަރަށް ބިރު ދައްކައިގެން ކުރި އެ ވައްކަމުގައި ވަގަށް ނަގާފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ބުނަން ނޭނގޭ،" ކައުންސިލުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ގުރައިދޫއިން ވައްކަމުގެ ދެ މައްސަލަ އެއް ފުލުހުންނަށް މިދިޔަ ދެ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

ގުރައިދޫ ސްކޫލުގައި ބަހައްޓާފައި ހުރި ފަންޑު ފޮށީގައި ހުރި ފައިސާތަކެއް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އަދި އެރަށު ޕްރީ ސްކޫލުގެ އިދާރާ ފަޅާލައި ފައިސާތަކެއް ވަގަށް ނެގި މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ ދެ ވައްކަމުގެ މައްސަލައިގައި ވެސް އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ ދެ މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެރަށު މީހަކު "ސަން" އަށް ބުނީ ގުރައިދޫގައި އެފަދަ ކުށްކުރުން އެއީ މިހާރު އާއްމު ކަމެއް ކަމަށެވެ. އަދި އެރަށުގައި ފުލުހުންގެ މަރުކަޒެއް ހުރި ނަމަވެސް އެފަދަ ކަންތައްތަކަށް އެދެވޭ ހައްލެއް ނާންނަ ކަމަށް އޭނާ ބުންޏެވެ.

"މިރަށުގައި ވަރަށް އެފަދަ އަމަލުތައް މިހާރު ވަރަށް ގިނަ. ނަމަވެސް އެކަކަށް ވެސް ރިޕޯޓު ކުރާކަށް ނުކެރޭ. ރޭ ސްކޫލު ފަޅާލީ. ދެން ނޭނގެ އަޅުގަނޑުމެން ގެތަކަށް ނޫންކަމެއް ވަންނާނީ،" އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

މިދިޔަ ހަފްތާ ތެރޭގައި ކ. ގުރައިދޫގައި ބަންނަމުން ދިޔަ ދޯންޏެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކަށް ގްރޫޕަކުން މާރާމާރީ ހިންގުމަށްފަހު އޭނާގެ އަތުން ވެސް ފައިސާތަކެއް ވަނީ ފޭރިގަނެފަ އެވެ.