އަންނަ އަހަރު ބްރެޒިލްގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަކީ އިންގްލެންޑަށް ވަރަށް ނާދިރު ކަމެއް ކަމަށް އެޓީމުގެ ކުރީގެ ކޯޗު ސްވިޑަންގެ ސެވެން ގޯރާން އެރިކްސަން ބުނެފި އެވެ.

އެރިކްސަން ބުނީ، ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ބްރެޒިލްގައި މުބާރާތް ބާއްވާތީ ޔޫރަޕްގެ ގައުމުތަކަށް މުބާރާތް ކާމިޔާބު ކުރުމަކީ އުދަގޫ ކަމެއް ކަމަށާއި އެހެން ކަމުން އިންގްލެންޑަށް މުބާރާތް ކާމިޔާބުކުރަން ވަރަށް އުދަގޫވާނެ ކަމަށެވެ. އެހެން ނަމަވެސް މުބާރާތުގެ ކުއާޓާ ފައިނަލާ ހިސާބަށް އިންގްލެންޑް ދަތުރު ކޮށްފި ނަމަ އެއީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް އެރިކްސަން ބުންޏެވެ.

"އިންގްލެންޑަށް މިފަހަރުގެ މުބާރާތް ކާމިޔާބުކުރުން ވަރަށް ނާދިރު. އެއީ ދެނުކުއެމެރިކާގެ ގައުމުތަކާ ކުޅެން ޔޫރަޕްގެ ގައުމުތަކަށް އުދަގޫވާތީވެ. އެކަމަކު 2018 ވަނަ އަހަރު ރަޝިޔާގައި ބާއްވާ މުބާރާތް އިންގްލެންޑަށް ކާމިޔާބު ކުރެވިދާނެ. އެމުބާރާތައް އިންގްލެންޑުން މުޅިންވެސް ނިކުންނާނީ ޒުވާން މޮޅެތި ކުޅުންތެރިން" އެރިކްސަން ބުންޏެވެ.

އެރިކްސަން ބުނީ، މިފަހަރުގެ މުބާރާތަކީ އެކި ގޮތްގޮތުން ވަރަށް ފޯރިގަދަވާނެ މުބާރާތެއް ކަމަށާއި އެހެން ކަމުން އެ މުބާރާތާ އިންގްލެންޑުން ކުރިމަތިލާނީ ކުއާޓާ ފައިނަލުން ޖާގެއް ހޯދުމުގެ އުންމީދުގައި ކަމަށެވެ.

"ކުއާޓާ ފައިނަލަކީ އިންގްލޭންޑަށް ވަރަށް މުހިންމު ހިސާބެއް. އެހިސާބަށް ޓީމް ގެންގޮސްދިނުމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އަހަރެން މިހިރީ އެއަޒުމުގައި،" 2002 ވަނަ އަހަރާއި2006 ގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލާ ހިސާބަށް އިންގްލެންޑް ގެންގޮސްދިން އެޓީމުގެ ކުރީގެ ކޯޗް ބުންޏެވެ.