ފ. އަތޮޅު ނިލަންދޫގައި ހުންނަ އެ އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ބައި މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެރޭ ފ. އަތޮޅު ކައުންސިލް އިދާރާގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން ވަދެ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައާ ގުޅިގެންނެވެ.

ފުލުހުން ބުނީ ވައްކަމުގެ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 17 އަހަރުގެ ކުއްޖެއް ކަމަށެވެ.

އެ މީހުންގެ ތެރެއިން 27 އަހަރުގެ މީހާއަކީ ވައްކަމުގެ މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި 22 އަހަރުގެ މީހާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު ފ. ނިލަންދޫން ކަމަށެވެ.