އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 239،105 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އިދާރާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 239،105 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި 16 ވަނަ ދުވަހު އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ދެވަނަ ބުރުގައި 239،241 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

"މި މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު 239،105 މީހުންނަށް ލިބިގެންވޭ. އަދި ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އާދެ އެއީ މި މަހުގެ 16 ވަނަ ދުވަސް އެ ދުވަހު 239،241 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިގެންވޭ،" އަލި މަނިކް ވިދާޅުވި އެވެ.

އާންމު އިންތިހާބުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން ވޯޓު ކަރުދާސް ޗާޕް ކުރަން ޖެހޭނީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމްލަ އަދަދަށް ވުރެ އެއް ޕަސެންޓް އިތުރަށެވެ. މަނިކު ވިދާޅުވީ ވޯޓު ކަރުދާސް ޗާޕުކުރާނީ ވެސް އެ ވަރަށް ކަމަށެވެ.

ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުނު ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރަޖިސްޓްރޭޝަން ސެކްޝަންސްގެ ހެޑް އައިމިނަތު މަޖުދާ ވިދާޅުވީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 219 ޝަކިވާ ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން ރަޖިސްޓްރީ ވެފައިވާ ތަނާ ބެހޭ ގޮތުން 93 ޝަކުވާއެއް ހުށަހެޅުނު ކަމަށް މަޖުދާ ވިދާޅުވި އެވެ. އަދި ނަމުގެ މައްސަލަ އާ މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި ހިމެނޭ ކަމަށް ބުނެ 126 ޝަކުވާއެއް ހުށަހެޅުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖުދާ އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ފަރާތުން 6000 މީހުންގެ ލިސްޓެއް ފޮނުވައި އެ ލިސްޓްގައި ހުރި މީހުންގެ ފޯމްތަކުގެ ފިންގާ ޕްރިންޓް ވެރިފައި ކުރަން އެދުނު ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެން އިން ލިސްޓެއް ފޮނުވާފައި ވަނީ ކޮމިޝަންގެ ފަރާތުން ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ފޯމްތައް ޑީއެންއާރަށް ފޮނުވި ފަހުން ކަމަށެވެ. އެހެން ކަމުން ޕީޕީއެމް އިން ފޮނުވި ފޯމްތައް ވެރިފައި ކޮށްދެވެން ނެތް ކަމަށް ސިޓީއަކުން އެ ޕާޓީ އަށް އަންގާފައިވާނެ ކަމަށް މަޖުދާ ވިދާޅުވި އެވެ.