ރާއްޖެ އަށް ބޭނުންވާ ތެޔޮ ގެންނަން އެސްޓީއޯ އިން 7،000 ޓަނުގެ ޝިޕްމަންޓަކަށް އިއްޔެ އޯޑަރުދީފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ސަން އަށް ވިދާޅުވީ މިވަގުތަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް އަދި ޖެޓްފިއުލް ގެނައުމަށް އިއްޔެ އޯޑަރުދީފައިވާ ކަމަށެވެ. އަދި އެ ޝިޕްމަންޓް އަންނަ އާދީއްތަ ދުވަހު ނޫނީ ހޯމަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ އިން މިވަގުތަށް ބޭނުންވާ ތެޔޮ ޝިޕްމަންޓް ގެނައުމަށް އޯޑަރު ދިނީ ސަރުކާރުން ދިން 3.5 މިލިއަން ޑޮލަރާއި އެ ކުންފުނީގެ 3.5 މިލިއަން ޑޮލަރުންނެވެ.

"މިހާރު މިގެންނަނީ ހަ ދުވަހުގެ ޝިޕްމަންޓެއް. އިތުރު ޝިޕްމަންޓެއް ގެނައުމަށް މާދަމާ މަސައްކަތް ފަށާނަން. މިއަދު ބަންދު ދުވަހަކަށް ވީމަ މާބޮޑު މަސައްކަތެއް ނުކުރެވުނު ނަމަވެސް މާދަމާއެކަން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިހާރު ގެންނަ ޝިޕްމަންޓާ އެކު ތެލުގެ ޝޯޓޭޖަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް އަންނާނެ ކަމަށެވެ.

އެސްޓީއޯ އިން ބުނެފައި ވަނީ ރާއްޖެ އަށް ބޭނުންވާ ތެޔޮ ޝިޕްމަންޓް ގެންނަން މިވަގުތު 20 މިލިއަން ޑޮލަރު ސަޕްލަޔަރަށް ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ ދެއްކެން ނެތީ ސަރުކާރުން ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިގެން ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.