02 Dec 2010, 11:31
އެފްރިކާގައި ހާލުގައި ޖެހިފައި އޮތް މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)ގެ ބޯޓަށް ދުވާލަކަށް ގާތްގަނޑަކަށް 3500 އެއްހާ ޑޮލަރު[44،975ރ.] ޚަރަދުވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
"މޯލްޑިވްސް އެންޓާޕްރައިޒަސް" ނަމަކަށް ކިޔާ އެ ބޯޓު އިންޖީނުގެ ޓާބޯ ޗާޖަރު މިދިޔަ ސެޕްޓެމްބަރު 14 ވަނަ ދުވަހު ހަލާކުވުމާ ގުޅިގެން އެ ބޯޓު ވައްދާފައި އޮތީ އެފްރިކާގެ މަލަބޯގެ ބާޓާ އަށް ކަމަށާއި ބޯޓުގެ ހަރަދުތަކަށް ދުވާލަކު ބައިލައްކައެއްހާ ރުފިޔާ ހަރަދުވާ ކަމަށް އެމްއެންއެސްއެލް އިން ބުންޏެވެ.
"ދުވާލަކަށް މުސާރަ އާއި ތެލާއި ފެނާ ހުރިހާ އެއްޗަކަށްދޭ ގާތްގަނޑަކަށް 3500 ވަރު،" ޑިރެކްޓާ ޖެނެރަލް ހަސަން މަނިކު ވިދާޅުވި އެވެ.
ހަސަން މަނިކު ވިދާޅުވި ރޭޓަށް ބަލާއިރު، ބާޓާގައި ބޯޓު އޮންނަތާ މިއަދަށްވީ 80 ދުވަހަށް ޖުމްލަ ޚަރަދުގެ ގޮތުގައި ގާތްގަނޑަކަށް ތިން ލައްކައެއްހާ ޑޮލަރު[3.85 މިލިއަން ރުފިޔާ] ހަރަދުވާނެ އެވެ.
އެ ބޯޓުގެ ފަޅުވެރިޔަކު މިއަދު ބުނީ، އެހާ ބޮޑު ޚަރަދެއް ބޯޓަށް ކުރަންޖެހުނީ އެމްއެންއެސްއެލްގެ ހިންގުންތެރިންގެ ނާގާބިލުކަމުން ކަމަށާއި ބޯޓު ބާޓާއަށް ވެއްދިތާ ގިނަ ދުވަސްތަކެއް ނުވަނީސް، އެކޮޅުގެ ކުންފުންޏަކުން 80،000 ޑޮލަރަށް ޓާބޯ އިންޖީނު އަލުން އިންސްޓޯލްކޮށްދޭން ހުށަހެޅި ކަމަށެވެ. ނަމަވެސް، އެކަމަށް އެއްބަސް ނުވެ، އެ ހުރިހާ ދުވަސްތަކެއް ވަންދެން ބޯޓު ބާޓާގައި ބާއްވާފައި އޮތުމުން ލިބުނު ގެއްލުން މާ ބޮޑު ކަމަށް ވެސް އޭނާ ބުންޏެވެ.
"މިހާރު މިއޮތީ މާބޮޑު އެއްޗެއް އަރާފައި. އަށްޑިހާސް ޑޮލަރު ދީފައި އަލުން އިންޖީނު އިންސްޓޯލްކުރި ނަމަ، މިއަދު މިހެނެއް ނުވާނެ. މިހާރު ތިން ލައްކަ ޑޮލަރަށް ވުރެ ބޮޑު އެއްޗެއް ހިނގައްޖެ. އެއީ ކޮންމެ ދުވަހަކު ބޯޓަށް 4300 ޑޮލަރު ވަރު އެބަދޭ،" އޭނާ ބުންޏެވެ.
ބޯޓުގެ ޓާބޯ އިންޖީނު ހަދައިދިނުމަށް ބަޔަކު ހުށަހެޅިކަން ހަސަން މަނިކު ވެސް ކަށަވަރުކޮށްދެއްވި އެވެ.
އޭނާ ވިދާޅުވީ، ޔޫރަޕްގެ ބަޔަކު ޓާބޯ ޗާޖަރެއް އިންސްޓޯލްކޮށްދިނުމަށް ކޯޓޭޝަނެއް ހުށަހެޅި ކަމަށާއި ނަމަވެސް، އެ ހުށަހެޅުން ގަބޫލުނުކުރީ "އަގު ފުދޭވަރަކަށް ބޮޑުވުމުން" ކަމަށެވެ. ނަމަވެސް އެއީ ކިހާވަރެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެމްއެންއެސްއެލް އިން ޓާބޯ ޗާޖަރު ގަތީ 9000 އެއްހާ ޑޮލަރަށް އިންޑިއާ އިން ކަމަށާއި މިހާރު އިންޖީނު ބާޓާ އަށް ފޮނުވާފައިވާ ކަމަށް ވެސް ހަސަން މަނިކު ވިދާޅުވި އެވެ. އަދި އިންޖީނު ހެދުމަށް ފަހު އާދިއްތަ ދުވަހު ބާޓާ އިން ބޯޓު ރާއްޖެ އައުމަށް ބޯޓު ފުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޯޓަށް ނުފުރި ލަސްވުމާ ގުޅިގެން އެއިން ކާބޯތަކެއްޗާއި ތެލާއި އަދި ފައިސާ ހުސްވެ، އޭގައި ތިބި 19 ދިވެހި ފަޅުވެރިން ވަނީ ވަރަށް ބޮޑަށް ހާލުގައި ޖެހިފައި ކަމަށް އެމީހުން ވަނީ ބުނެފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަށް ވަނީ މެލޭރިޔާ ޖެހި، ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހިފަ އެވެ.