05 Nov 2013, 11:52
ނިއު ޔޯކް ޔުނިވާސިޓީގެ އިމާރާތްތަކެއްގެ ދޭތެރޭގައި ތާށިވި އުމުރުން 19 އަހަރުގެ ކުއްޖާ ދެ ދުވަހަށް ފަހު ސަލާމަތްކުރެވިފައިވާ ކަމަށް ނިއު ޔޯކްގެ ފަޔާ ޑިޕާޓްމަންޓުން ބުނެފި އެވެ.
އުމުރުން 19 އަހަރުގެ އޭޝާ ވޯންގްޓައު ގެއްލިގެން ހޯދަމުން ދަނިކޮށް 17 ބުރީގެ ހޮސްޓެލް އިމާރާތަކާއި ފަސް ބުރީގެ ޕާކިންގް ގަރާޖެއްގެ ދޭތެރޭގައިވާ ހުސް ޖާގާގައި ތާށިވެފައި ވަނިކޮށް ފެނިފައި ވަނީ އާދިއްތަ ދުވަހު އެވެ.
ނިއު ޔޯކްގެ ފަޔާ ޑިޕާޓްމަންޓުން ބުނީ ވޯންގްޓައު ތާށިވެފައި ވަނީ 18 އިންޗީގެ ފުޅާމިން ހުންނަ ހަނި ޖާގައެއްގެ ތެރޭގައި ކަމަށެވެ. ވޯންގްޓައު ސަލާމަތްކުރުމަށް ފަޔާ ޑިޕާޓްމަންޓުން ވަނީ ހޮސްޓެލް އިމާރާތުގެ ފާރުގެ އެއްބައި ތަޅާލާފަ އެވެ. އޭނާ ސަލާމަތްކުރެވުނު ފަޔާ ޑިޕާޓްމަންޓުން މަސައްކަތް ފެށިތާ 90 މިނެޓަށް ފަހު ކަމަށް މައުލޫމާތު ލިބެ އެވެ.
ޔުނިވާސިޓީގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ ވޯންގްޓައުއަކީ އެޔުނިވާސިޓީގައި އަންޑާގްރެޖުއޭޓް ކޯހެއް ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމަށެވެ. އަދި އޭނާ ދެ އިމާރާތުގެ ދޭތެރޭގައި ތާށިވީ ކީއް ކުރަން އުޅެނިކޮށް ކަމެއް ސާފުވެފައި ނުވާ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.
ޔުނިވާސިޓީ އޮފިޝަލުން ބުނީ ވޯންގްޓައުއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.