ތަފާތު އެކި މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެގެން ހޯދަމުން އަންނަ ފަސް މީހެއްގެ ފޮޓޯ އާއި މައުލޫމާތު ފުލުހުން އާންމުކޮށްފި އެވެ.

ކޯޓަށް ފިލައިގެން އުޅޭތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ހޯދަމުން ދަނީ ދެ އަންހެނަކާއި ތިން ފިރިހެނުން ނެވެ.

އެގޮތުން ހޯދުމަށް އިއުލާނު ކުރި ލ. އިސްދޫ، ޖަނަވަރީމާގެ މުހައްމަދު އަހުމަދު،26، އަކީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލައަކާއި ހައްދުންމަތީ އިސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމުގެ އަމުރާއި ހަވާލުވެ، ކޯޓަށް ހާޒިރުވެފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް އަމުރުކުރުމާ ގުޅިގެން ހޯދަމުން އަންނަ މީހެކެވެ.

އަދި ގދ. ތިނަދޫ، ފަނޑުނުވާގެ އަބްދުﷲ އައުފް، 37، ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށް ޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެގެންނެވެ. ސ. ހިތަދޫ، ހަބަރުމާގެ އާމިނަތު ޝަފީޤާ، 33، އަކީ ފިލާފާނެ މީހެއްކަމަށް ޑްރަގް ކޯޓަށް ޤަބޫލުކުރެވޭތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އެކޯޓުން ނެރެފައިވާ އަމުރަކާއި ގުޅިގެން ހޯދަމުން އަންނަ މީހެކެވެ.

އަދި ލ. ގަން، ތުނޑި، ލޮބްސްޓާ ރުޤިއްޔާ އަމާނަތު، 18، ހޯދަމުން ދަނީ ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ މައްސަލަ އާއި ގުޅިގެން ކޯޓަށް ހާޒިރުވުމަށް ޓަކައި އެކޯޓުގެ އަމުރަކާއި ހަވާލުވެ ކޯޓަށް ހާޒިރުވެފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމާއި ގުޅިގެންނެވެ.

ސ. ފޭދޫ، ހޭޒްލީން މުހައްމަދު ޝަހީދު، 40، ހޯދަމުން ދަނީ ފެމިލީ ކޯޓަށް ހުށަހެޅިފައިވާ ޚަރަދުގެ މައްސަލައަކާ ގުޅިގެން ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކަށްވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެންނެވެ.

އެ ފަސް މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް އެނގުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އެދެ އެވެ.