05 Nov 2013, 10:13
ޗެންނާއި (އޮކްޓޯބަރ 5): މި މަހުގެ 15 ވަނަ ދުވަހު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓްގައި އިންޑިޔާ ބައިވެރިނުވެ އެ ސަމިޓް ބޮއިކޮޓް ކުރުމަށް އިންޑިޔާގެ ތިމާވެއްޓާ ބެހޭ ވަޒީރު ޖަޔާންތީ ނަޓަރާޖަން ބޮޑުވަޒީރު މަންމޯހަން ސިންގ އަށް ގޮވާލައްވައިފި އެވެ.
އިންޑިޔާގެ ތަމަޅަ ދަރިކޮޅުގެ މީހުންގެ އާބާދީ އެންމެ ބޮޑު ސްޓޭޓް ކަމަށްވާ ޓެމިލްނާޑޫގެ ވެރިރަށް ޗެންނާއި (މެޑްރާސް)ގައި އިއްޔެ ވާހަކަ ދައްކަވަމުން ޖަޔާންތީ ނަޓަރާޖަން ވިދާޅުވީ ތަމަޅަ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ސްރީލަންކާ ސަރުކާރުތަކުން ހިންގާފައި ވަނީ ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއް ކަމަށާ ހަނގުރާމައަށް ފަހު ވެސް ސްރީލަންކާގެ ސަރުކާރުން އެ ގައުމުގެ ތަމަޅަ ދަރިކޮޅުގެ މީހުން ނިކަމެތިކޮށް އެމީހުންނާ މެދު އިހާނާތްތެރިކޮށް ހިތަމުން ގެންދާކަމުގަ އެވެ. މިގޮތުން އަސާސީ ޚިދުމަތްތައް ދިނުމުގައާއި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އާންމު ޚިދްމަތްތައް ފޯރުކޮށްދިނުމުގައި ވެސް ސިންގަޅައިންނާ ތަފާތުތައް ތަމަޅައިންނާ މެދު ގެންގުޅޭ ކަމަށްޖަޔާންތީ ތުހުމަތު ކުރެއްވި އެވެ.
ސްރީލަންކާގައި ބާއްވާ ކޮމަންވެލްތްގެ ސަމިޓް ބޮއިކަޓް ކުރުމަކީ އިންޑިޔާގެ ތަމަޅަ ދަރިކޮޅުގެ މީހުންގެ ހައްޤުގައި އިންޑިޔާ ސަރުކާރުން ކުރަން ޖެހޭނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިސަބަބުތަކަށް ޓަކައި ކޮލަންބޯ ސަމިޓް ބޮއިކަޓް ކުރުމަށް ބޮޑުވަޒީރު މަންމޯހަން ސިންގްގެ ސަރުކާރަށް ހުށަހަޅާ ކަމަށާ މިއީ އިންޑިޔާގެ ތަމަޅަ ދަރިކޮޅުގެ މީހުންގެ އެދުންކަމަށް ވިދާޅުވެ މިކަމާ މެދު އިންޑިޔާ ސަރުކާރުން ފުންކޮށް ވިސްނައި ރައްޔިތުންގެ މަސްލަހަތާ އެއްކޮޅަށް ރަނގަޅު ނިންމުމެއް ނިންމާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޖަޔާންތީ ވިދާޅުވި އެވެ.
ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމާ މެދު އިންޑިޔާގެ ބޮޑު ވަޒީރު މަންމޯހަން ސިންގް އަދި ގޮތެއް ނުނިންމަވާ ކަމަށް ޚަބަރުލިބެ އެވެ. އިންޑިޔާގެ ސަރުކާރުން މިސަމިޓްގައި ބައިވެރިވުމަށް ބޭނުންނުވާ އެއް ސަބަބަކީ ސްރީލަންކާ އިންޑިޔާއާ ދުރަށްގޮސް ޗައިނާއާ ސްޓްރެޓީޖިކް ގުޅުންތަކެއް އުފެއްދުން ކަމަށް އިންޑިޔާގައި ޝާއިޢުކޮށްފައިވާ ބައެއް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
މިމަހުގެ 15ގައި ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ ސަމިޓްގައި އިންޑިޔާ ބައިވެރި ނުވެއްޖެ ނަމަ އިންޑިޔާ އާއި ސްރީލަންކާގެ ގުޅުންތައް ގޯސްވެގެންދާނެ ކަމާއި އެފަދަ ފިޔަވަޅެއްއަޅައިފި ނަމަ ސަރަހައްދުގައި އިންޑިޔާ އެކަހެރި ކުރުމަށް މަސައްކަތްކުރާނެ ކަމުގެ އިންޒާރު ސްރީލަންކާ ސަރުކާރުން ވަނީ ދީފަ އެވެ. ސްރީލަންކާ، ޗައިނާއާ މާބޮޑަށް ގާތްވެ ތަރައްޤީގެ އެންމެ ބޮޑު ބައިވެރިޔާގެ ގޮތުގައި ޗައިނާ ދެކޭތީ ސްރީލަންކާއާ މެދު އިންޑިޔާ ދެކެނީ ޝައްކުގެ ނަޒަރަކުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ދާޚިލީ ހަނގުރާމައަށް ފަހު ސްރީލަންކާ އަލުން ބިނާކޮށް އާރާސްތު ކުރުމުގައި އެގައުމަށް އެންމެ ބޮޑަށް އެހީތެރިވަނީ ޗައިނާއިންނެވެ.
އިންޑިޔާ އާއި ޔޫރަޕްގެ ގައުމުތަކުން ކުރާކަމަކީ ސްރީލަންކާއަށް އެހީތެރިވުމުގެ ބަދަލުގައި ހަނގުރާމައިގެ ދުވަސްވަރު ސްރީލަންކާ ސިފައިން ތަމަޅަ އާންމުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށްބުނާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ވާހަކަތައް ދައްކައި ސްރީލަންކާ އަށް ފިއްތުންތައް ކުރިމަތި ކުރުމުގެ އިތުރުން ސްރީލަންކާ ކުރަންވާ ކަންތައްތަކާއި ނުކުރަންވާ ކަންތައް ޑިކްޓޭޓްކޮށް ނުފޫޒު ހިންގަން މަސައްކަތްކުރުން ކަމަށް ސްރީލަންކާ ސަރުކާރުން ތުހުމަތު ކުރެ އެވެ. (ނޫސްއެޖެންސީތައް)