05 Nov 2013, 10:07
ޤާހިރާ (ނޮވެމްބަރު 5): ޢަސްކަރީ އިންގިލާބެއްގައި މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ މައްޗަށް ހިންގާ ޝަރީޢަތް ފަސްކުރުމަށް ފަހު އިސްކަންދަރިއްޔާގެ ޖަލެއްގައި އޭނާ ހައްޔަރުކޮށްފި އެވެ.
ޑރ. މުރްސީގެ މައްޗަށް ޝަރީއަތް ހިންގަނީ އޭނާގެ ވެރިކަމާދެކޮޅަށް މިދިޔަ ޑިސެމްބަރުމަހު މުޒާހަރާ ކުރި އިދިކޮޅު ފަރާތްތަކުގެ ތެރެއިން ބައެއް މީހުން ސަލާމަތީ ބާރުތަކުގެ ޙަމަލާތަކެއްގައި މަރުވެފައި ވާތީ މުޒާހަރާކުރި މީހުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރަން އަމުރުކުރެއްވީ މުރުސީ ކަމަށް ތުހުމަތުކޮށް މިސްރުގެ މިހާރުގެ ސަރުކާރުން ކުރާ ދައުވާއަކާ ގުޅިގެންނެވެ. މި މައްސަލާގައި އިއްޔެ ޑރ. މުރުސީ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމުން، މުރުސީ ވަނީ އޭނާއަކީ މިސްރުގެ އިންތިޚާބީ ރައީސް ކަމަށާއި މިސްރުގެ ރައީސްގެ މައްޗަށް ޝަރީޢަތް ނުހިންގޭނެ ކަމަށް ވިދާޅުވެ އަޑުހަރުކޮށް ވާހަކަ ދައްކަވާފަ އެވެ.
މިގޮތުން މިސްރުގެ ރައީސެއްގެ ހައސިއްޔަތުން ލިބިފައިވާ ގާނޫނީ ރައްކާތެރިކަން އޮއްވައި މުރުސީއާ ދެކޮޅަށް ހިންގާ ޝަރީއަތަކީ ޣައިރު ގާނޫނީޝަރީޢަތަކަށް ވާތީ ޝަރީޢަތް ހިންގުމުގެ ހައްޤު ފަނޑިޔާރުންނަށް ނޯންނާނެ ކަމަށް މުރުސީ ވިދާޅުވެފައިވެ އެވެ. މިއާއެކު ފަނޑިޔާރުން ވަނީ ޝަރީޢަތް ކުރިޔަށް ނުގެންގޮސް އަންނަ ޖަނަވަރީ މަހުގެ އަށްވަނަ ދުވަހަށް ޝަރީއަތް ފަސްކުރުމަށް ނިންމިކަން އިއްލާންކޮށްފަ އެވެ.
މުރުސީގެ ޝަރީޢަތް ފަސްކުރީ ރައްޔިތުންގެ މެދުގައި މުރުސީއަށް ތާއީދުއޮތް މިންވަރުގެ ބޮޑުކަމުން ޝަރީޢަތް ކުރިޔަށް ގެންގޮސްފި ނަމަ މިސްރުގައި ވަރުގަދަ ހަމަނުޖެހުންތަކެއް ހިނގާފާނެ ކަމުގެ ބިރުހީވެފައިވާތީ އާއި މިސްރުގެ ވަގުތީ ސަރުކާރަށް ރައްޔިތުންގެ ތާއީދު ގެއްލި އެސަރުކާރު ބަލިކަށިވެފައި ވާތީ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ޑރ. މުރުސީގެ މައްޗަށް ހިންގާ ޝަރީޢަތް ޖަނަވަރީ 8 އަށް ލަސްކުރިތާ ދެ ތިންގަޑީއިރު ތެރޭގައި މިސްރުގެ ވަގުތީ ސަރުކާރުގެ އަމުރަށް ސަލާމަތީ ބާރުތަކުން ވަނީ އިސްކަންދަރިއްޔާގެ ބުރުޖުލްޢަރަބް ޖަލުގައި ޑރ. މުރުސީ ހައްޔަރުކޮށްފަ އެވެ. ޑރ. މުރުސީގެ މައްޗަށް ކުރެވިފައިވާ ދައުވާގެ ޝަރީޢަތުގެ މަޖިލިސް ބޭއްވި ސަރަހައްދަށް މުރުސީ އަށް ސަޕޯޓްކުރާ އެތައް ހާސްބަޔަކު އެއްވެ ޢަސްކަރީ އިންގިލާބާދެކޮޅަށް އަޑުއުފުލައި ސިފައިންގެ ބާރުގައި މިސްރުގެ މިހާރުގެ އުފައްދާފައިވާ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންގެންދިޔަ އެވެ. މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކުރި ނަމަވެސް މީހަކު މަރުވިކަމުގެ ޚަބަރެއް ލިބިފައެއް ލިބިފައެއް ނުވެ އެވެ.
ޑރ. މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުން ވަނީ ޝަރީޢަތުގެ މަޖިލީހުގައި ދެއްކެވި ހިއްވަރާއި ސާބިތު ކަމަށްޓަކައި އޭނާއަށް ތައްރީފްކޮށްފަ އެވެ. މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހު ޢަސްކަރީ އިންގިލާބެއްގައި މުރުސީ މަގާމުން ދުރުކުރުމަށް ފަހު އޭނާ ހުންނަވަނީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފަ އެވެ. މުރުސީއަށް ތާއީދުކޮށް އިއްޔެ މުޒާހަރާކުރި އެތަށް ހާސްބަޔަކު ވަނީ މިސްރުގެ އިންގިލާބީ ލީޑަރު ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ އާއި އިންގިލާބުގެ ބައިވެރިން ގާހިރާގެ ރާބިޢާ އަލްއަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި މިދިޔަ ޖުލައިމަހު ހިންގި ގަތްލުއާންމުގައި މަރާލާފައިވާ 800 އެއްހާ މީހުންގެ ހައްގުގައި އެމީހުން ޝަރީޢަތަށް ހާޒިރުކޮށް އެމީހުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލާފަ އެވެ. (އަލްޖަޒީރާ)