އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓް ރިޔާސީ ކެންޑިޑޭޓުންނާ ހަވާލުކޮށްފި ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އިދާރާގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓްގެ ސޮފްޓް ކޮޕީ މިރޭ ރިޔާސީ ކެންޑިޑޭޓުންނާ ހަވާލުކޮށްފައިވާނެ ކަމަށެވެ.

"މިމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގެ ސޮފްޓް ކޮޕީ މިރޭ ވާނީ ރިޔާސީ ކެންޑިޑޭޓުންނަށް ރައްދު ކުރެވިފައި،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ މިހާރު ތައްޔާރުކޮށްފައިވާ ލިސްޓަށް ދެން އިތުރު ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އަދި މިހާރު ލިސްޓު ތައްޔާރުކޮށްފައި ވާނީ ޝަކުވާ ހުށަހެޅުމަށް ދިން ފުރުސަތުގައި ހުށަހެޅި ޝަކުވާތަކަށް ރިޢާޔަތް ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގެ ހާޑް ކޮޕީއެއް ކެންޑިޑޭޓުން ބޭނުންވާ ކަމަށް ވާނަ އެކަމަށް އަގެއް ދެއްކުމުން ލިސްޓުގެ ހާޑް ކޮޕީ އެރުވޭނެ ކަމަށެވެ. އެގޮތުން ހާޑް ކޮޕީ ކެންޑިޑޭޓުންނަށް ދިނުމަށް އަގެއް ނަގަން ޖެހުނީ ހާޑް ކޮޕީ ޕްރިންޓް ކުރަން ޖެހެނީ ޕްރިންޓް ކުރާ ތަނަކަށް އަގެއް ދައްކައިގެން ކަމަށް ވާތީ ކަމަށާއި އެކަން ކެންޑިޑޭޓުންނަށް ވެސް މިހާރު އަންގާފައި ވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

އިނގިލީގެ ނިޝާން ވެރިފައި ކުރުމާ ބެހޭ ގޮތުން ކޮމިޝަންގެ މެންބަރުން ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް އިން އެދިފައިވާ ގޮތަށް ރީ ރަޖިސްޓްރީ ކުރި މީހުންގެ 10 ޕަސެންޓްވާ ފޯމްތަކުގެ ފިންގާ ޕްރިންޓް ވެރިފައި ކުރެވިފައިވާ ކަމަށެވެ. އެގޮތުން 9،152 ފޯމްގެ ފިންގާ ޕްރިންޓް ވެރިފައި ކުރެވިފައި ވާނެ ކަމަށާއި އަދި އޭގެ ތެރެއިން 294 ފޯމް ރިޖެކްޓްވެފައިވާ ކަމަށް ކޮމިޝްން އިން ވަނީ ބުނެފަ އެވެ.

ކޮމިޝަންގެ މެންބަރުން ވިދާޅުވި ގޮތުގައި ރިޖެކްޓް ފޯމްތައް ރިޖެކްޓްވެފައި ވަނީ ޑީއެންއާރަށް ދީފައި އިން ފިންގާ ޕްރިންޓާއި ރަޖިސްޓްރީ ކުރި ފޯމްގައި ޖަހަފައި އިން އިނގިލީގެ ނިޝާން ތަފާތު ވުމުގެ ސަބަބުން ކަމަށެވެ. އަދި ރިޖެކްޓްވީ ފޯމްތަކުގެ ވެރިފަރާތްތަކަށް ގުޅައިގެން އެ ފޯމްތައް ވެސް މިހާރު ކަށަވަރުކޮށްފައިވާ ކަމަށް މެންބަރުން ވިދާޅުވި އެވެ.

ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް އިތުރަށް ވިދާޅުވީ މިހާރު ރިޔާސީ ކެންޑިޑޭޓުންނަށް ފޮނުވާފައިވާ ލިސްޓް ކެންޑިޑޭޓުން ޗެކް ކުރުމަށް ފުހަ ލިސްޓުގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ބުދަ އަދި ބުރާސްފަތު ދުވަހު ކަމަށެވެ.