05 Nov 2013, 00:54
އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުނު ހިސާބުން ފެށިގެން ގާނޫނު އަސާސީގެ މަފްހޫމްތައް ގެނައުމުގެ ބޭނުން އޮޅޭ ހިސާބަށް ކަންތައްތައް ގޮސްފައިވާކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިރޭ ޕީޕީއެމްގެ ކާމިނީ ޖަގަހައިގައި މައްޗަންގޯޅީ ރައްޔިތުންނާ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޑީއާރުޕީ އެމްޑީޕީއާ ގުޅިގެން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދައިދިން ފަހުން ގާނޫނު ހެދުމުގެ ބޭނުން ވެސް ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށެވެ.
"ގާނޫނު ހަދަނީ ރައްޔިތުންގެ މަސްލަހަތަށް އެދޭ ކަންތައްތަކެއް ހުރީމަ. ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ހަދާ އެއްޗެއް ގާނޫނަކީ. އެހެން ނޫންކަމަށް ވަންޏާ، ރައްޔިތުންގެ މަސްލަހަތުތަކެއް ފުށުއަރާ ކަންކަމުގެ ތެރޭގައި ހަދާނޭ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގޭނެ، ފުށުއަރާ މަސްލަހަތުތަކެއް އުޅެންޏާ އެކަން ނިންމާނޭ ގޮތްތަކެއް ގާނޫނުގައި ނުވަތަ ޝަރީއަތުގައި ކަނޑައެޅިފައި ނެތިއްޔާ،" ޔާމީން ވިދާޅުވި އެވެ. "ގާނޫނު ހެދުމުގެ އަސްލު މަގްސަދު މިހާރު މިއޮތީ، ޑިއާރުޕީން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ފަހުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުނު ހިސާބުން ގާނޫނުގެ މަފްހޫމްތައް ގެނެވުމުގެ ބޭނުން އަޅުގަނޑުމެންނަށް އޮޅިފައި މިއޮތީ،"
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ މަސްތުވާތަކެތިން ރާއްޖޭގެ ޒުވާނުން ސަލާމަތްކުރުމަށް ދިވެހި ހުރިހާ މަންމައިންނާއި ބައްޕައިންގެ އިތުރުން ރާއްޖޭގެ ހުރިހާ ފެންވަރެއްގެ މީހުންވެސް ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ މައްޗަށް މަސްތުވާތަކެތީގެ ތުހުމަތެއް ކުރެވުމުން ގާނޫނުގައި މަސްތުވާތަކެތި ހުއްޓުވުމަށް ކަނޑައަޅާފައިވާ މާއްދާތައް އެމްޑީޕީން ބަދަލުކުރަން ފަށާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިޔަސް މަސްތުވާތަކެތި [ރަލުގެ ވާހަކަ] ބޭނުން ކުރުމުން އަޅުގަނޑުމެންގެ ގާނޫނުގައި މަފްހޫމެއްގެ ގޮތުން މަސްތުވާތަކެތީގެ ކަންކަން ހުއްޓުވުމަށްޓަކައި ލިޔެވިގެން މިއަންނަނީ، އެބަޖެހެއޭ ތުހުމަތު ކުރެވިއްޖެ ކަމުގައި ވިއްޔާ އަދި ޝައްކު ކުރާނެފަދަ ކަންތައްތަކެއް ހުރެއްޖެ ކަމުގައި ވެއްޖިއްޔާ ކުޑަކަމު ނަޖިސް ޓެސްޓުކުރެވެން ދޭން. ފުލުހުން އެކަމަށް އެދުނީމަ އެބަޖެހެޔޭ އެކަން ކޮށްދޭން. އެކަމަކު ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް ތިއްބެވި މެންބަރުން ތިއްބަވައިގެން ގާނޫނަށް ގެނެސްފައިވާ އިސްލާހެއްމީ. ނުދީފި ކަމުގައި ވެއްޖިއްޔާ ނުވަތަ ދޭން އިންކާރު ކޮށްފި ނަމަ އެއް އަހަރު ދުވަހުގެ ހުކުމެއް އަންނާނެ ކަމަށް. މަސްތުވާ ތަކެތިން ދިވެހި ޒުވާނުން ސަލާމަތްކުރުމަށް ބޭނުންވެގެން ހަމަ މިހާރު މިއޮތް ރައްޔިތުންގެ މަޖިލިސް މިދައުރު ދެމިގެންދާއިރު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ ތެރޭގައި މި މައްސަލަތައް ޖެހުނީމަ މިހާރު މި ގާނޫނު ބަދަލުކުރަނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މަސްތުވާތަކެތި ހުއްޓުވުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ހުކުމުގައިވާ އެއްއަހަރު ދުވަސް މިހާރުވަނީ 15 ދުވަހަށް ބަދަލުކޮށްފައި ކަމަށާއި އަދި ކުރިއަށް އޮތްތާނގައި އެ ހުކުމް ފަހަރެއްގައި 24 ގަޑިއިރުގެ ގޭބަންދަކަށް ވެސް ބަދަލުކޮށްފާނެ ކަމަށެވެ.
"އެއީ އެބޭފުޅުން ބޭނުންފުޅުވިއްޔާ މަޖިލީހުގައި މިހާރު ޑީއާރުޕީން އެހީތެރިވީމަ އަޣްލަބިއްޔަތު އޮތިއްޔާ ކޮންމެ ކަމެއްވެސް ކުރެވިދާނެ. އެހެންވީމާ ގާނޫނެއް ހެދުމުގެ ބޭނުން އޮޅޭ ހިސާބަށް އަޅުގަނޑުމެންނަށް އައިސްފައި މިއޮތީ،" ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ވެސް އޭނާ ވިދާޅުވީ މަޖިލީހުގެ އިދާރާތެރެއިން ނުނިކުންނަވާނެ ކަމަށެވެ. އަދިވެސް އޭނާ ހުންނެވީ ކޯޓުތަކަށާއި "ޖަލަށް ފިއްލަވައިގެން" ނެވެ.
ޔާމީން ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް ރާއްޖެއަށް އައިސްފިނަމަ ހުރިހާ ގާނޫނުތަކެއް ވެސް ދާނީ އެ މިސްރާބުން ކަމަށާއި އެ ސަބަބައްޓަކައި ވެސް އެމްޑީޕީގެ ސަރުކާރެއް ރާއްޖެއަށް އަޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ގައުމުދެކެ ލޯބިވާ ހުރިހާ ރައްޔިތުން ކުރަން އެބަ ޖެހޭ ކަމަށެވެ.