ރާއްޖޭގެ އިންތިހާބު ލަސްވަމުން ދާއިރު ވެރިކަމުގެ ތެރެއަށް މިލިޓަރީ ނުވަތަ ސިފައިން ވަނުމަށް ގޮވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާ އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބު ނޮވެމްބަރު 11 ގައި މިހާރު އޮތް ސަރުކާރުގެ ދައުރު ހަމަވާއިރު ހައްލެން ހޯދަން ވާނީ ރާއްޖޭގެ ގާނޫނު އަސާސީއާ އެކުގައި ކަމަށެވެ. އަދި ގާނޫނުން ބޭރުން ހައްލެއް ހޯދުމާއި މިލިޓަރީ އިންޓަވެންޝަނަށް ގޮވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"އަހަރެމެންގެ ކަންބޮޑުވުމުން ދައްކައި ދެނީ އެކުވެރިންގެ ހައިސިއްޔަތުން ރާއްޖެ ޑިމޮކްރަސީގެ މަގުގައި ކުރިއަށް ދިއުމަށް އަހަރެމެން އެދޭ އެދުމެވެ. ސިޔާސީ ހިޔާލު ތަފާތުވުމަކީ ހަމަ އެކަނި ރާއްޖެއަށް ހާއްސަ ކަމެއް ނޫނެވެ. އަދި އެތަފާތު ތަކުގެ ސަބަބުން މަގުން ކައްސާލައިގެން ނުވާނެއެވެ. ސިޔާސީ ލީޑަރުންނާއި ގާނޫ ހަދާ މަޖިލީހުން ވާހަކަ ދައްކައިގެން ގާނޫނު އަސާސީ އާއި އެއްގޮތް އަދި ގާނޫނީ ހައްލެއް ހޯދަން ޖެހޭނެ އެވެ. ގާނޫނުން ބޭރުން ގޮތެއް ހޯދުމާއި އަސްކަރީ ގޮތުން ވަނުމަށް ގޮވުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަދި އެއީ ބައިނަލް އަގުވާމީ ގާނޫނުތަކުގެ ތެރެއިން ބަލައިގަނެވޭނެ ކަމެއް ވެސް ނޫނެވެ،" އެމެރިކާގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި އަދި ވަނީ ދިވެހި ރައްޔިތުންނާއި އެކު އެމެރިކާ އޮންނަ އޮތުން ކުރިއަށް ދާނެ ކަމަށެވެ. އަދި މިނިވަން އިންސާފުވެރި އިތުބާރު ކުރެވޭ އިންތިހާބެއް ބޭއްވުމުގެ ލަނޑުދަނޑިއަކީ ދިވެހި ރައްޔިތުންނާއެކު އެމެރިކާ ވެސް ހިއްސާ ކުރާ ލަނޑުދަނޑިއެއް ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެފަދަ އިންތިހާބެއްގެ ނަތީޖާއަށް އިހުތިރާމް ކުރުމަކީ ވެސް އެދޭ ގޮތް ކަމަށް ބުނެފައިވެ އެވެ.

ޑިމޮކްރަސީއެއް ރަނގަޅަށް ހިނގާނީ ގާނޫނުތަކާއި ގާނޫނުތަކުގެ ރޫހަށް ވެސް އިހުތިރާމް ކޮށްގެން ކަމަށް ވެސް އެމެރިކާއިން ބުނެފައިވެ އެވެ.

ރާއްޖޭގެ ރިޔާސީ އިންތިހާބު ލަސްވަމުން ދާތީ ބައިނަލް އަގުވާމީ މުޖުތަމައުން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.