04 Nov 2013, 22:51
ފުވައްމުލަކުގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް 15 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމެޓީން މިރޭ ބޭއްވި ބައްދަލުވުމެއްގައި އެގޮތަށް ނިންމާފައި ވަނީ ފުވައްމުލަކު ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް 15 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ހުއްދަ ދިނުމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ ހުށައެޅުމުން އެބައްދަލުވުމުގައި ބައިވެރިވި އެއްވެސް މެމްބަރަކު އިއުތިރާޒް ނުކުރުމުންނެވެ. އެލޯނަކީ ހަތަރު ޕަސެންޓް އިންޓުރެސްޓްގެ ލޯނެކެވެ.
މިރޭގެ އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ބައެއް ކަންކަމުގެ ތެރެއިން އެމްޓީސީސީއަށް 22 ބަނދަރެއް ހެދުމަށް ހަވާލުކޮށްފައިވާ މައްސަލާގައި އިތުރު މައުލޫމާތު ހޯދުމަށް ހައުސިން މިނިސްޓާ މުހައްމަދު މުއިއްޒު އާއި އެމްޓީސީސީގެ އިސްވެރިން މާލިއްޔަތު ކޮމެޓީއަށް ގެނައުމަށް ވަނީ ނިންމާފައެވެ.
ހަމްޒާ ވިދާޅުވީ މީގެ ކުރިން ބަނދަރެއް ހެދުމަށް 40 މިލިއަން ރުފިޔާ ހޭދަވީ ނަމަވެސް މިހާރު ދީފައިވާ ގޮތުން 60 މިލިއަން ރުފިޔާ ބަނދަރަކަށް ޖެހޭ ކަމަށެވެ. އަދި އެއީ ޓެންޑާއަށް ލައިގެން ދިން މަސައްކަތެއް ނޫންކަން ހަމްޒާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
މިރޭގެ އެބައްދަލުވުމުގައި ވަނީ މި އަހަރު ދިވެހި ސަރުކާރުން ނެގުމަށް ހުށަހެޅި ލޯނުތަކުގެ ތެރޭ ހިމެނޭ ހަތަރު ލޯނަކާ ގުޅިގެން މަޝްވަރާކޮށް އަދި އިތުރު ބައްދަލުވުމަކަށް އޭގެ ތެރެއިން ތިން ލޯނެއް ކަންތައް އެޖެންޑާކުރުމަށް ނިންމާފަ އެވެ. އެ ލޯނުތަކުގެ ތެރޭގައި މާލޭ ފޯތް ޕަވާ ޕްރޮޖެކްޓްއަށް ބޭނުންވާ 2500000 ޔޫރޯގެ ސަޕްލްމެންޓަރީ ލޯނާއި ބަޖެޓް ސަޕޯޓްގެ ގޮތުގައި ބޭންކް އޮފް ސިލޯންއިން ނެގުމަށް ހުށަހަޅުއްވާފައިވާ ލޯނާއި 22 ރަށެއްގެ ބަނދަރު ހެދުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ލޯންގެ ކަންތައް ހިމެނެ އެވެ. އަދި ފަރުކޮޅު ފުށި ހުއްޓާލާފައިވާ މައްސަލާގައި އިތުރު މައުލޫމާތް ހޯދުމަށް ވެސް ނިންމާފައިވެ އެވެ.
މިރޭގެ ބައްދަލުވުމުގައި ހަމްޒާ ވަނީ "ސާޖެންޓް އެޓް އާމްސް" އެއް މަގާމަށް މީހަކު ހަމަޖައްސައި 100 އޮފިސަރުން ހޯދުމަކީ ކޮން މަގުސަދެއްގައި ކުރާކަމެއްތޯ ސާފުކުރަން ބޭނުންފުޅު ކަމަށް ވިދާޅުވިއެވެ. އަދި އެ ކޮމެޓީގެ މުގައްރިރު ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރު ވަނީ ހަރަދުކުޑަކުރެވޭ ގޮތްގޮތް ބެލުމަށް ހުށައަޅާފަ އެވެ. އަދި މެމްބަރުންގެ ތާއީދާއެކު އެކަން ވަނީ އެޖެންޑާކޮށްފަ އެވެ.