04 Nov 2013, 22:29
އީރާނުގެ ވެރިރަށް ތެހެރާނާއި، ބޮޑެތި އެހެން ޝަހަރުތަކުގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ، އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް މުޒާހަރާ ކޮށްފިއެވެ.
1979 ވަނަ އަހަރު އީރާނުގައި ގެނެވުނު އިސްލާމީ އިންގިލާބުގެ ތެރޭގައި، ތެހެރާނުގައި ހުންނަ އެމެރިކާގެ އެންބަސީ ހިފި ހާދިސާއަށް 34 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެތައް ހާސް ބަޔަކު ކުރި މުޒާހަރާތަކަކީ ފަހަކަށް އައިސް އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އީރާނުގައި ކޮށްފައި ވާ އެންމެ ބޮޑު މުޒާހަރާތައް ކަމަށް ތެހެރާނުގައި ތިބޭ އަލްޖަޒީރާގެ މުރާސިލުން ބުނެއެވެ.
މި މުޒާހަރާތަކުގައި، އެންމެ ގިނަ ބަޔަކު އެއް ވެފައި ވަނީ އިންގިލާބުގައި ހިފި އެމެރިކާގެ އެންބަސީ އެއިރު ހުރި އިމާރާތުގެ ކުރިމައްޗަށެވެ. ތެހެރާނުން ލިބޭ ޚަބަރުތައް ބުނާގޮތުން، އެންބަސީ ހުރި އިމާރާތުގެ ކުރިމައްޗަށް އެކަނި ތިރީހަކަށް ސާޅީހަކަށް ހާސް މީހުން އެއް ވެފައި ވެއެވެ.
މުޒާހަރާގެ ބައިވެރީން ވަނީ އެމެރިކާ އާއި އިސްރާއީލުގެ ދިދަތައް އަންދައި، "އެމެރިކާއަށް މަރު" އަދި "އިސްރާއީލަށް މަރު" ފަދަ ގޮވުންތައް އިއްވައިފައެވެ.
1979 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 4 ވަނަ ދުވަހު، ތެހެރާނުގައި ހުރި އެމެރިކާގެ އެންބަސީއަށް ވަދެ އެތަން ހިފީ އެ ތަނުގައި ޖާސޫސީ ހަރަކާތްތައް ހިންގަމުން ދާތީ އާއި، އީރާނުގެ ރައްޔިތުންނަށް އެތައް އަނިޔާއެއް ދީ، ރައްޔިތުން އަޅުވެތި ކޮށްގެން ވެރިކަން ކުރެއްވި ޝާހް މުޙައްމަދު ރިޒާ ޕެހްލަވީއަށް އެމެރިކާއިން އެތައް އަހަރެއް ވާންދެން ތާއީދު ކޮށް މަދަދު ދިނުމަށް ފަހު، އޭނާއަށް ހިމާޔަތް ދީ، އީރާނުގައި އޭނާއާ ދެކޮޅަށް ކުރެވޭ ޝަރީއަތަށް އޭނާ ހާޒިރު ނުވާނޭ ގޮތް ހެދުމާ ގުޅިގެންނެވެ.
އެންބަސީ ހިފުމަށް ފަހު، 444 ދުވަސް ވާންދެން އެ އެންބަސީގައި އީރާނުގެ ދަރިވަރުންތައް ތިއްބެވެ. އަދި އެންބަސީގައި ތިބި 52 އެމެރިކަނުން ތިއްބެވެ. މި މީހުން މިނިވަން ކުރުމަށް އެމެރިކާ ސަރުކާރުން ހިންގި މިޝަންތައް ވެސް ފޭލި ވުމަށް ފަހު، އެމީހުން ދޫކޮށްލައިފައި ވަނީ ދެ ގައުމުގެ ދެމެދުގައި "އަލްޖިއަރސް އެކޯރޑް" އެއްބަސްވުމުގެ ދަށުންނެވެ.
އީރާނުގައި ފަހަކަށް އައިސް ނުބޭއްވޭ ފަދަ ބޮޑު މުޒާހަރާތަކެއް އެމެރިކާއާ ދެކޮޅަށް ކުރެވިފައި މިވަނީ، މުހައްލިލުން ވިދާޅުވާ ގޮތުގައި، އީރާނުގެ މިހާރުގެ ރައީސް ޙަސަން ރޫޙާނީގެ ޒައާމަތުގައި އެމެރިކާއާ ގުޅުން ރަނގަޅު ކުރުމުގެ މަސައްކަތްތަކެއް ކުރައްވާތީ، އެކަމާ ހިތްހަމަނުޖެހޭ ފަރާތްތަކުން އިސް ނަގައިގެންނެވެ.
އީރާނުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކޭ ގޮތުގައި އެމެރިކާ އަކީ މުސްލިމުންގެ އަދުއްވެކެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުންގެ މައްސަލައިގައްޔާއި، އެހެނިހެން އެތައް މައްސަލަތަކެއްގައި އެމެރިކާއިން މުސްލިމުންނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ހިމެނެއެވެ. ހަމައެކަނި 1990 ވަނަ އަހަރުން ފެށިގެން މިހާތަނަށް، އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި އިސްލާމީ އެކިއެކި ގައުމުތަކުން މަދުވެގެން 288000 މީހުން މަރު ވެފައި ވާ އިރު، އެމެރިކާއިން އަޅައިފައި ވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މި މުއްދަތުގެ ތެރޭގައި 3 މިލިއަނަށް ވުރެ ގިނަ މުސްލިމް މަދަނީން ވަނީ މަރު ވެފައެވެ.
އެމެރިކާއިން ގެންގުޅެމުންދާ މި ސިޔާސަތުތަކާ ގުޅިގެން މުސްލިމުންގެ ތެރޭގައި އުފެދިފައި ވާ ރުޅިވެރިކަމުގެ ސަބަބުން، އެމެރިކާއާ ދެކޮޅަށް ހިންގައިފައި ވާ ކަމަށް އެމެރިކާ ބުނާ ޓެރަރިސްޓް ހަމަލާތަކުގައި މަރުވި މީހުންގެ އަދަދަކީ ގާތްގަނޑަކށް 10000 އެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގައިފައި ވާ ޖަރީމާތަކުގެ ތެރޭގައި 1988 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، އީރާން އެއަރ ފްލައިޓް 655 އަށް ހަމަލަ ދީ ވައްޓައިލި ހާދިސާ ހިމެނެއެވެ. ތެހެރާނުން ދުބާއީއަށް ދަތުރު ކުރި މި ބޯޓު ވައްޓައިލުމާ ގުޅިގެން އެ ބޯޓުން ދަތުރު ކުރި 274 ފެސެންޖަރުންނާއި 16 ފަޅުވެރީން ވަނީ މަރު ވެފައެވެ. އޭގެ ތެރޭގައި 66 ކުޑަކުދީން ވެސް ހިމެނެއެވެ.