04 Nov 2013, 21:58
ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް 43 ލަނޑު ޖަހައިދީފައިވާ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެކުލަބު ދޫކޮށް ބޭރުގެ ޓީމަކަށް ދާންނިންމުމާ ގުޅިގެން އަންނަ އަހަރުގެ ސީޒަނަށް ނިއުއިން ބިދޭސީ ފޯވާޑެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ނިއުގެ އިސް އޮފިޝަލަކު ސަންއާ ވާހަކަ ދައްކަމުން ވިދާޅުވީ، ކުލަބް ދޫކޮށް ބޭރުގެ ކުލަބަކާ ގުޅެން ދަނގަޑޭ ނިންމުމާ ގުޅިގެން ކުލަބުން މިހާރު މަސައްކަތް ފަށާފައި ވަނީ ބޭރުގެ ޒުވާން ތަޖުރިބާކާރު ފޯވާޑެއް ހޯދުމުގެ މަސައްކަތް ކަމަށާއި އަންނަ އަހަރުގެ ސީޒަނަށް ވެސް ނިއުއިން ކުރިމަތި ލާނީ ނިމިދިޔަ ސީޒަންގައި ކުލަބުން ހޯދި 100 ޕަސަންޓުގެ ރެކޯޑް އަލުން ތަކުރާރު ކުރުމުގެ އުންމީދާއެކު ކަމަށެވެ.
"ކުލަބުން މިހާރު މަސައްކަތް ކުރަނީ ބޭރުގެ ފޯވާޑެއް ހޯދުމުގެ މަސައްކަތް. އެއީ ދަނގަޑޭ ނެތް ތަން ފޫބެއްދުމަށް." އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފޯވާޑެއް ހޯދުމުގައި ކުލަބުން ބޮޑަށް ބަލަނީ ޔޫރަޕް ހިސާބުގެ ފޯވާޑެއް ގެނެވޭތޯ ކަމަށާއި މިހާރު ވެސް ދެހިސާބެއްގެ ދެ ތިން ކުޅުންތެރިންނާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
އަންނަ އަހަރު ރާއްޖޭން ބޭރުގެ ކްލަބަކަށް ކުޅެން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ދަގަނޑޭ ނިންމުމާ ގުޅިގެން ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ގިނަ ފަރާތްތަކުން ދަނގަޑޭގެ އެނިންމުމަށް މަރުހަބާ ކިޔާއިރު، އޭނާ އާއި އެންމެ ގާތް ދެ ކުޅުންތެރިން ކަމަށްވާ ގައުމީ ޓީމް އަދި ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި މުހައްމަދު އުމެއިރު ވެސް ވަނީ ދަނގޭ އަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އަދި ދަނގަޑޭ ބޭރުގެ ކުލަބަކަށް ދާން ނިންމުމާ ގުޅިގެން ނިއުއިން ވަނީ އޭނަގެ ކޮންޓުރެކްޓްސް ވެސް އާނުކުރާން ނިންމާފަ އެވެ.
ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި ދަގަނޑޭގެ ފަރާތުން އެހެން އަހަރުތަކަށް ވުރެ، އާދަޔާ ޚިލާފު މޮޅުކުޅުމެއް ފެނިފައިވާ އިރު، އޭނާ އަށް ފާރަލަމުންދާ ބޭރުގެ ޓީމުތައް ވެސް މަދެއް ނޫނެވެ.
ސަންއޮންލައިނަށް އިގިފައިވާގޮތުން ދަނގަޑޭ ހޯދުމަށް ފާރަލަމުން އަންނަ ގައުމުތަކުގެ ކުލަބްތަކުގެ ތެރޭގައި އެމެރިކާ އާއި މެލޭޝިއާ އާއި އިންޑިއާ އޮމާން އަދި ބުރުނާއީ ފާހަގަ ކޮށްލެވެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ސަންއޮންލައިނާ ވާހަކަ ދައްކަމުން ދަގަނޑޭ ބުނީ ކްލަބެއް އިހްތިޔާރު ކުރުމުގައި ލިބޭ އެއްޗަކަށް ވެސް ބަލާނޭ ކަމަށާއި އެހެން ނަމަވެސް ވަރުގަދަ ލީގަކަށް ކުޅެން ފުރުސަތު ލިބިއްޖެ ނަމަ، މުސާރައަށް ވުރެ ބޮޑަށް ވިސްނާނީ ފުރުސަތު ލިބޭ ކްލަބަށް ކަމަށެވެ.
"މުސާރައަކީ ވެސް ވަރަށް މުހިއްމު އެއްޗެއް. އެހެން ނަމަވެސް ރަނގަޅު ލީގަކަށް ކުޅޭ މޮޅު ކްލަބަކުން ފުރުސަތު ލިބިއްޖިއްޔާ ދާނޭ ކްލަބެއް ކަނޑައެޅުމުގައި އެއީ އަޅުގަނޑު ވިސްނާނޭ ކަމެއް،" އުމުރުން 28 އަހަރުގެ ހުނަރުވެރި ފޯވާޑް ބުންޏެވެ.
ބޭރުގެ ކްލަބަކަށް ކުޅެން ދަގަނޑޭއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 2004 ވަނަ އަހަރު ޕޯޗްގީޒްގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ބެންފިކާ އިންނެވެ. އެހެން ނަމަވެސް ބެންފިކާގެ ޔޫތު ކްލަބަށް ކުޅެން ލިބުނު ރަނުގެ ފުރުސަތު ދަގަނޑޭ އެފަހަރު ދޫކޮށްލީ ހަމަ އެންމެ ފަހު ވަގުތު އެވެ.
ދަނގަޑޭ ބޭރުގެ ޓީމަކަށް މިހާތަނަށް ކުޅެފައި ވަނީ ބުރޫނާއީގެ ޑީޕީއެމްއެމް އަށެވެ. ޑިސެމްބަރު 2007 ވަނަ އަހަރު ޑީޕީއެމްއެމް އަށް އޭނާ ކުޅުނީ ދެ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.