ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅުނު ގައުމީ ފުޓްބޯޅަ ޓީމުގެ ޒުވާން މިޑްފީލްޑަރު އަލީ ފާސިރު (ސެންޓޭ) އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި ކުޅޭނެ ވަކި ކުލަބެއް އަދި ނުނިންމާ ކަމަށް އޭނާ ބުނެފި އެވެ.

އޭވައިއެލްއިން 2009 ވަނަ އަހަރު ވިދާލުމަށް ފަހު، ވެލެންސިއާ އާއި ވިކްޓަރީއަށް ވެސް ކުޅުނު ސެންޓޭ ބުނީ، ނިއުއަށް ކުޅެން ސޮއި ކުރީ 2013ގެ ނިޔަލަށް ކަމަށާއި ސީޒަން ނިމުމާއެކު ކޮންޓްރެކްޓުވެސް ހަމަވެފައި ވާކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ސީޒަނުގައި ފެންނާނީ ކޮންކުލަބަކުން ކަމެއް ސެންޓޭ ނުބުނެއެވެ.

އޭނާ ބުނީ، ނިއުއިން މިހާރުވެސް ކޮންޓުރެކްޓު އާކުރުމަށް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"އަންނަ ސީޒަންގައި ނިއުގައި މަޑުކުރުމާމެދު އަދި ވަކިގޮތެއް ނުނިންމަން. އެކަމަކު ނިއުއިން މިހާރުވެސް ދަނީ ވާހަކަ ދައްކަމުން. ނިއު ފިޔަވައި އިތުރު ކުލަބަކުން ހުށައެޅުމެއް ނާދެ." މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި 18 ގޯލް ކާމިޔާބު ކޮށްފައިވާ ސެންޓޭ ބުންޏެވެ.

ބ. އަތޮޅު އޭދަފުއްޓަށް އުފަން ސެންޓޭ ބުނީ، ބޭރުގެ ޓީމަކުން މިހާރުވެސް ފުރުސަތު ލިބިއްޖެ ނަމަ އެފުރުސަތުގެ ބޭނުން ހިފަން ބޭނުންވާ ކަމަށައި އެހެން ނަމވެސް އަދި ރަސްމީ ސިފައެއްގައި ބޭރުގެ ކުލަބަކުން ފުރުސަތު ނާންނަ ކަމަށެވެ.

ސަންއަށް އިނގިފައިވާގޮތުން ނިއުގެ ކުރީގެ ކޯޗް ޕޮޕޯފް ވަނީ، އޭނާ މިހާރު ކޯޗް ކޮށްދެމުން އަންނަ އޮމާންގެ ސޫރު ސްޕޯޓްސްއަށް ސެންޓޭ ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި ސެންޓޭގެ އިތުރުން ޕޮޕޯފް ދެން ޝައުގެވެރިކަން ފާޅުކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި އަލީ އަޝްފާގް(ދަނގަޑޭ) އާއި މުޙައްމަދު އުމޭރު، އަދި އަކްރަމް އަބްދުލްޣަނީ (އަކޫ) ހިމެނެ އެވެ.