ރިޔާޟް (ނޮވެމްބަރ 4): ސޫރިޔާގައި ހިނގާ ދާޚިލީ ހަނގުރާމައިގެ މައްސަލާ އާއި އީރާނާ ގާތްވުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތު ތަކުގެ ސަބަބުން އެމެރިކާގެ ބައިވެރިންގެ ގޮތުގައި ތިބި މިސްރާއި ސައޫދީ އަރަބިޔާފަދަ ގައުމުތަކާއި އެމެރިކާއާ ދެމެދު ދެބަސްވުންތަކެއް އެބަހުރި ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ އެއްބަސްވެ ވަޑައިގެންފި އެވެ.

އަރަބި ބައެއް ގައުމުތަކަށާއި އިސްރާއީލަށް ކުރައްވާ ދަތުރުފުޅެއްގައި މިސްރަށް ކުރެއްވި ޒިޔާރަތް ނިންމަވާލެއްވުމަށްފަހު ސައޫދީ އަރަބިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި ކެރީ ވިދާޅުވީ އެމެރިކާގެ ބައިވެރިން ކަމުގައިދެކޭ އަރަބި ގައުމުތަކާއި އެމެރިކާއާ ދެމެދުގައިވާ ދެބަސްވުންތަކަކީ މާބޮޑު ދެބަސްވުންތަކެއް ނޫން ކަމަށާ އެއީ ފަސޭހައިން ހައްލުކުރެވިދާނެ ދެބަސްވުންތަކެއް ކަމުގަ އެވެ.

ސަޢޫދީ އަރަބިޔާއަށް ވަޑައިގެން އެ ގައުމުގެ ޚާރިޖީ ވަޒީރު ސައޫދުލް ފައިސަލްއާ ބައްދަލުކުރެއްވުމަށްފަހު މިއަދު ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުން ކެރީ ވަނީ ސައޫދީން ރުއްސުމަށްޓަކައި އީރާނަށް ބަހުގެ ޙަމަލާތަކެއް ދެއްވާފަ އެވެ. މިގޮތުން ސައޫދީ އަރަބިޔާއާއި ގަލްފުގެ ގައުމުތަކަށް ސަރަހައްދުގެ ބާރުގަދަ އެހެން ފަރާތަކުން ހަމަލާދީ ގޯނާ ކުރުމުގެ ފުރުސަތު އެމެރިކާ ނުދޭނެ ކަމަށް ވިދާޅުވެ ކެރީ ވާހަކަ ދައްކަވާފައިވެ އެވެ. މިއީ އީރާނަށް އަމާޒުކޮށް ކެރީ ވިދާޅުވި ވާހަކައެއްކަމަށް މުރާސިލުން ބުނެ އެވެ. އަދި ސައޫދީ އަރަބިޔާ އާއި ގަލްފުގެ އެހެން އަރަބި ގައުމުތަކާއި މިސްރަށް ދާއިމީ ބައިވެރިއެއްގެ ގޮތުގައި އެމެރިކާއަށް ބަރޯސާ ކުރެވިދާނެ ކަމަށް ވިދާޅުވެ ކެރީ ވާހަކަ ދެއްކެވި އެވެ.

ސައޫދީ އަރަބިޔާއާއި ގަލްފުގެ އެހެން އަރަބި ގައުމުތަކަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރާ ދެކޮޅަށް އެމެރިކާ އިން ޢަސްކަރީ ހަމަލާތައްދިނުމަށް އެދެމުންގެންދާ ގައުމެކެވެ. އަދި އީރާނާގާތްވުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތާމެދު މިގައުމުތައްވަނީ އެމެރިކާ ދެކެވަރަށްބޮޑަށް ނުރުހިފައެވެ. ސައޫދީން ބޭނުންވަނީ އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅައި އަބަދުވެސް އީރާން ނިކަމެތިކޮށްފައިވާ ބޭއްވުމަށެވެ.

ސޫރިޔާގައި ހިނގާ ދާޚިލީ ހަނގުރާމައިގެ މައްސަލާގައާއި އީރާނާ ގާތްވުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތު ތަކުގެ ސަބަބުން އެމެރިކާ ދެކެހިތްހަމަނުޖެހިފައިވާ ސައޫދީން ވަނީ އެމެރިކާއަށް ދޭ އެއްބާރުލުން ކުޑަކުރާނެ ކަމުގެ އިންޒާރެއްވެސް ދާދިފަހުން ދީފައެވެ. ނަމަވެސް ސައޫދީ އަރަބިޔާއަކީ ހުރިހާ ކަމެއްގައިވެސް އެމެރިކާއަށް ބަރޯސާ ކުރާ ގައުމަކަށްވާތީއާއި ސަޢޫދީ ޝާހީ ޢާއިލާގެ ވިރާސީ ރަސްކަން ދެމެހެއްޓުމުގެ މުގުލުގައިވާ ގައުމަކީ އެމެރިކާ ކަމަށްވާތީ އެމެރިކާއަށް ދޭ އެއްބާރުލުން ކުޑަކުރުމަކީ އަމަލީގޮތުން ސައޫދީންނަށް ކުރެވޭނެ ކަމެއްނޫންކަމަށް މުރާސިލުން ބުނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މެދުއިރުމައްޗަށް މިހާރު ކުރައްވަމުން ދަތުރުފުޅުގައި ސޫރިޔާގެ މައްސަލައާއި އީރާނާ ގާތްވުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތުތަކުގެ އިތުރުން ފަލަސްތީނާއި އިސްރާއީލުގެ ސުލްޙައާބެހޭގޮތުން ޢަރަބި ބައެއް ލީޑަރުންނާ އަދި އިސްރާއީލުގެ ލީޑަރުންނާވެސް އޭނާ މަޝްވަރާކުރައްވާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. ކެރީގެ ދަތުރުފުޅުގައި ސައޫދީ އަރަބިޔާ، އާއި މިސްރުގެ އިތުރުން އުރުދުން، ޔުނައިޓެޑް އަރަބް އިމަރޭޓްސް، ފަލަސްތީން، އަލްޖަޒާއިރު މޮރޮކޯ އަދި އިސްރާއީލަށްވެސް ޒިޔާރަތް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ކެރީ ސައޫދީ އަރަބިޔާއަށް ކުރައްވާ މިދަތުރުފުޅުގައި ސައޫދީ ރަސްގެފާނު އަބްދުﷲ އާ ޚާއްސަ މަޝްވަރާތަކެއް ކުރައްވާނެ ކަމަށްވެސް ޚަބަރު ލިބެއެވެ. ކެރީ ގެ މިދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އީރާނާ ގާތްވުމަށް އެމެރިކާ ގެންގުޅެން ފަށާފައިވާ ސިޔާސަތުތަކާ ގުޅިގެން ސައޫދީ އަރަބިޔާއާއި އިސްރާއީލު ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތައް ކުޑަކުރެވޭތޯ މަސައްކަތް ކުރެއްވުން ކަމަށް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)