އަންނަ ހޮނިހިރު ދުވަހު އަލުން ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކުރާ މަސައްކަތްތައް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދަން އެޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ރައީސް ވަހީދު ފޮނުއްވެވި ތަހުނިޔާގައި ވިދާޅުވެފައި ވަނީ ހިޖުރީ އާ އަހަރު ފެށުނީ ރާއްޖޭގެ ސިޔާސީ ޙަޔާތުގެ ވަރަށް މުހިންމު މަރްޙަލާއަކާ ކުރިމަތިލާ ވަގުތެއްގައި ކަމަށާއި އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު އަމާންކަމާއެކު ކުރިއަށް ގެންގޮސް އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވައި ކުރައްވައި، ދައުލަތް ހިންގެވުމާ ހަވާލުވެވަޑައިގަންނަވަން އެބަޖެހޭ ކަމަށެވެ. ޤައުމަށް ހެވާއި ލާބަޔަށް އެދިގެން ސިޔާސީ މަސްރަޙުގެ ކުރިއެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ، ހިޖުރީ އާ އަހަރަކާ ބައްދަލުކުރާ މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ޤައުމީ ވާޖިބެއް ކަމަށް ރައީސް ވަހީދު ވިދަޅުވި އެވެ.

"އަންނަ ހޮނިހިރު ދުވަހަކީ، ރާއްޖޭގެ ރިޔާސީ އިންތިޚާބު އަލުން ބާއްވާ ދުވަސްކަމަށްވުމާއެކު، އިންތިޚާބަށް ތައްޔާރުވުމަށް ކުރެވޭ މަސައްކަތްތައް، އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދަން އެބަޖެހެއެވެ. އަދި އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވައި ކުރައްވައި، ދައުލަތް ހިންގެވުމާ ހަވާލުވެވަޑައިގަންނަވަން އެބަޖެހެއެވެ،" ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ރައީސް ވަހީދު ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައިވެ އެވެ.

ކީރިތި ރަސޫލާ މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވި ދުވަހުން ފެށިގެން ހިޖުރީ ތާރީހު ލިޔުއްވަން ފެއްޓެވި އެ ހާދިސާއަށް އިޝާރާތްކޮށް ރައީސް ވަހީދު ވިދަޅުވީ ކީރި ރަސޫލާގެ އެ ހިޖުރައިގެ ހާދިސާއަކީ، މުސްލިމުންގެ މެދުގައި އުޚުއްވަތްތެރިކަމުގެ ގާތް ގުޅުމާއި، އެއްބައިވަންތަކަމުގެ ގުޅުން ހިތްތަކަށް ގެނެސްދޭ ވަރަށް މުހިންމު ހާދިސާއެއް ކަމަށެވެ.

ހިޖުރީ އާ އަހަރު ފެށިގެންދާއިރު، މި ދަނޑިވަޅަކީ ރާއްޖޭގެ ސިޔާސީ މަސްރަޙު ހަލަބޮލިވެފައިވާ ދަނޑިވަޅަކަށްވިޔަސް، ރާއްޖޭގެ ރައްޔިތުންގެ މެދުގައި ގާއިމުވެފައި އޮންނަންޖެހޭ އެއްބަނޑުއެއްބަފާކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުންތަކަށް އެއްވެސް ހީނަރުކަމެއް އަޔަދީގެނެއް ނުވާނެ ކަމަށާއި އަޅުގަނޑުމެން މަސައްކަތް ކުރަންވާނީ، އެ ގުޅުންތައް ވަރުގަދަކޮށް، މުޖުތަމަޢުގައި އަމަންއަމާންކަން ޤާއިމުކުރުމަށް އިސްކަންދީގެންނެވެ.

ސިޔާސީ މަސްރަޙުގެ ކުރިއެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ، ހިޖުރީ އާ އަހަރަކާ ބައްދަލުކުރާއިރު "އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ޤައުމީ ވާޖިބެއް" ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

"އެހެންކަމުން، ޤައުމަށް ހެވާއި ލާބަޔަށް އެދިގެން އަދި ޤައުމުގައި އަމަންއަމާންކަން ޤާއިމުކޮށް، ސިޔާސީ މަސްރަޙުގެ ކުރިއެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ، ހިޖުރީ އާ އަހަރަކާ ބައްދަލުކުރާ މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ޤައުމީ ވާޖިބެކެވެ،" ރައީސް ވިދާޅުވި އެވެ.