ކުށްކުރާ ކުޑަކުދީން ބޭތިއްބުމަށް އިސްލާހީ މަރުކަޒުތަކެއް ގާއިމް ކުރުމަށް ކަމާބެހޭ މުއައްސަސާތަކުން އެއްބަސްވެއްޖެ އެވެ.

ޖުވެނައިލް ކޯޓުން އިސްނަގައިގެން ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ހުރިހާ މުއައްސަސާތަކުން ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ކުރިން އެފަދަ ސެންޓަރުތައް ގާއިމްކުރެވޭތޯ މަސައްކަތް ކުރުމަށް އެއްބަސްވެފަ އެވެ.

ކުޑަކުދީން ކުރާ ކުށުގެ މައްސަލަތައް ބަލައި ތަހުގީގުކޮށް އިންސާފުން އަދަބު ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ހުކުމް ކުރެވޭ ކުދީން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަށްޓަކައި އިސްލާހީ މަރުކަޒުތަކެއް ނުވަތަ ޑިޓެންޝަން ސެންޓަރުތަކެއް ގާއިމްކޮށްފައި ނުވާތީ ހުކުމް ތަންފީޒު ކުރާނެ ކުދިން ބައިތިއްބާނެ ތަނެއް ކަނޑައެޅުމާ ބެހޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރެވިފަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ގާއިމް ކުރަންޖެހޭ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް މިހާތަނަށް ގާއިމްކޮށްފައިނުވާތީ އެކަމާ ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވެއެވެ.

މީގެއިތުރުން ކުޑަކުދީންނަށް ޖިންސީގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ 48 ވަނަ މާއްދާގައި ކުޑަކުއްޖެއްގެ ހެކިބަސް ހޯދަންޖެހޭ ޚާއްސަ ގޮތްތަކެއް ބުނެފައިވާއިރު އެ މާއްދާ ތަރުޖަމާކޮށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކުގެ މައްޗަށް ބަލައި ގާނޫނީ އިމުގެ ތެރެއިން ކުޑަކުދީންގެ ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފަ އެވެ.

ޖުވެނައިލް ކޯޓުން ބުނީ އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށްފަހު ކޯޓުން ހުކުމްކޮށް ނިންމާ މައްސަލަތަކާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދީން ގަވާއިދުގައި ބުނެފައިވާ ގޮތަށް މަރުކަޒުގައި ބައިތިއްބާ ގޮތަށް އަމުރު ނެރެން ފެށުމަށް އެ ކޯޓުން ތައްޔާރުވަމުންދާކަން މުއައްސަސާތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

ޖުވެނައިލް ކޯޓުން އިސްނަގައިގެން ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ހޯމް މިނިސްޓްރީއާއި ޖެންޑާ މިނިސްޓްރީ އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ހިއުމަންރައިޓްސް ކޮމިޝަންގެ އިތުރުން ޑީޕީއާރްއެސްއާ ނޭޝަނަލް ޑްރަގް އެޖެންސީ އެވެ.