02 Dec 2010, 09:21
މަޖުލީހުގައި އަރައިރުންވުމާއި ހަމަނުޖެހުން ބޮޑުވަނީ މަޖުލީހުގެ މެންބަރުންނާއި އާންމު ރައްޔިތުން ގާނޫނު އަސާސީ އަށް އަހުލުވެރިވެފައި ނުވާތީ ކަމަށް ރައްޔިތުން މަޖުލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅު ވެއްޖެ އެވެ.
ރައްޔިތުން މަޖުލީހުގެ އިދާރާގައި ޔޫތު ޕާލިމަންޓޭރިއަނުންނާ މުހާތަބު ކުރަށްވައި ޝާހިދު ވިދާޅުވީ ގާނޫނު އަސާސީގެ އެންމެ މުހިންމު އެއް އަސާސަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވީހިނދު، ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުން ހިޔާލެއް ފާޅުކުރުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށާއި ފާޅުކުރާ ހިޔާލެއް ގަބޫލު ކުރުމާއި ނުކުރުން އޮންނާނީ އެ އަޑުއަހާ ބައެއްގެ އަތްމަތީގައި ކަމަށެވެ.
އަދި މިހާރު އަމަލްކުރާ ފެހި ގާނޫނު އަސާސީއަށް އަމަލުކުރުމުގައި ހިގަމުން މިދަނީ "ޓްރާންސިޝަން ޕީރިއަޑް"ކަން ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ މަޖުލީހުގެ ތަޅުމުން ފެންނަ އަރައިރުންވުންތައް ފެންނަނީ ގާނޫނު އަސާސީއަށް އަހުލުވެރިވެފައި ނުވާތީ ކަމަށާއި ތައުލީމީ ޒުވާނުން މެންބަރުންގެ ގޮތުގައި ނިކުތުމުން އެކަންކަމަށް ހައްލު އަންނާނެ ކަމަށެވެ.
މަޖުލީހުގެ މަސައްކަތްތައް އެދެވޭ ގޮތަކަށް ހިނގަމުން ނުދާކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ޝާހިދު ވިދާޅުވީ މަޖުލީހުގެ ގިނަ މަސައްކަތްތައް ހިނގަމުން ދަނީ ކޮމެޓީތަކުގެ ތެރޭގައި ކަމަށާއި އަދި މިހާރު ހިނގަމުން މިދާ ދައުރަކީ އެންމެ ގިނަ ބިލްތައް ފާސްވެފައިވާ ދައުރު ކަމަށެވެ. އަދި އެ ގޮތަށް ވާހަކަ ދެކެވެނީ މަޖުލީހުގެ ކިބައިން ރައްޔިތުން އުންމީދު ކުރާވަރު ބޮޑުވުމުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އިދާރީ ގޮތުން މަޖުލީހުގެ ކަންތައްތައް ހިނގަމުންދާ ގޮތާ ބެހޭ މައުލޫމާތު ދެއްވީ މަޖުލީހުގެ އަމީން އާންމު އަހުމަދު މުހަންމަދެވެ.
ޔޫތު ޕާލިމަންޓޭރިއަނުންނަށް މައުލޫމާތު ދިނުމަށް ބޭއްވި އެސެޝަންގައި ދަރިވަރުންގެ ސުވާލުތަކަށް މަޖުލީހުގެ ރައީސް އާއި އަމީން އާންމު ޖަވާބުދެއްވި އެވެ.
ޔޫތް ޕާލިމަންޓޭރިއަނުން ތަމްރީން ކުރުމުގެ ޕުރޮގްރާމަކީ މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ ޑިމޮކްރަސީ ހައުސް އާއި ރައްޔިތުން މަޖުލީސް ގުޅިގެން މި މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ޔޫތު ޕާލިމަންޓަށް ކުދިން ތަމްރީން ކުރުމަށް ބާއްވާ ޕުރޮގްރާމެކެވެ. އެ ޕުރޮގްރާމްގައި އަތޮޅުތަކުގެ ސުކޫލް މަދަރުސާތަކުންނާއި އަމިއްލަގޮތުން 32 ކުދިން ބައިވެރިވެ އެވެ.