19:00


ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ދިވެހި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށް މާލިއްޔަތު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށް ބުނެ އޮޑިޓަރ ޖެނެރަލް އިބްރާހިމް ނައީމު މަގާމުން ވަކިކުރުމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސްކޮށްފި އެވެ.


އޮޑިޓަ ޖެނެރަލްގެ މައްޗަށް ހިޔާނާތުގެ ތުހުމަތަކެއް ކުރައްވައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މެމްބަރު ހަސަން ލުތުފީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅުއްވި މައްސަލަ ބެއްލެވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނިޒާމީ މައްސަލައިގެ ހޫނުގަނޑުގެ ތެރެއިން، އެ ރިޕޯޓް ހުށަހަޅުއްވަމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވިދާޅުވީ އޮޑިޓަ ޖެނެރަލްގެ ހިޔާނާތުގެ މައްސަލަތައް ބެލީ މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީއަކުން ކަމަށާއި، އޮޑިޓަ ޖެނެރަލްގެ މައްޗަށް ކުރާ ހިޔާނާތުގެ ތުހުމަތުތަކުގައި ހަގީގަތްތަކެއް ހިމެނޭ ކަމަށެވެ. އެގޮތުން ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުން އޮޑިޓަރ ޖެނެރަލް ސިއްހީ ފަރުވާ ހޯއްދެވުމަށް ފަހު، އޮޑިޓް އޮފީހުގެ ނަމުގައި ނަގާފައިވާ ކްރެޑިޓް ކާޑުން އެ ފައިސާ ދައްކަވާފައިވާ ކަމަށެވެ. އަދި 2008 ވަނަ އަހަރު ދައުލަތުން އޮޑިޓަ ޖެނެރަލަށް ކަނޑައެޅި ފައިސާ އިން ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ، ބާކީ ކުރެއްވުމަށް ފަހު އެ ފައިސާ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަކަށް ޖަމާކުރައްވައިގެން އޮޑިޓަ ޖެނެރަލް ބޭނުން ހަރަދުތަކެއް ކުރައްވާފައިވާ ކަމަށާއި މިއީ ފެންނަން އޮތް ހަގީގަތެއް ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުގައި ވެސް ހުންނެވި ނާޒިމު ވިދާޅުވި އެވެ.


މި ރިޕޯޓް ހުށަހެޅުއްވުމަށް ހުރަސްއެޅުމަށް ނިޒާމީ މައްސަލަ ނަންގަވައިގެން މަސައްކަތް ކުރެއްވި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނަށް ރައްދު ދެއްވަމުން ނާޒިމު ވިދާޅުވީ، އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމުގެ މައްޗަށް ކުރާ ހިޔާނާތުގެ ތުހުމަތުތަކާ ދެކޮޅަށް މަސައްކަތްކުރަނީ އޭނާ މަގާމުގައި ބަހައްޓަން ބޭނުންވާ މީހުން ކަމަށެވެ. ނަމަވެސް ހަގީގަތަކީ އޮޑިޓަރ ޖެނެރަލް ހިޔާނާތްތެރިވެވަޑައިގެންފައިވާކަން ކޮމިޓީގައި ސާބިތުވެފައިވާކަން ކަމުގައި ވެސް ނާޒިމު ވިދާޅުވި އެވެ. މިކަމާ ގުޅިގެން ވެސް މަޖިލީހުގެ ތަޅުން އިތުރަށް ހޫނުވެ މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ރިޔާސަތުން ތަކުރާރުކޮށް މެންބަރުންނަށް އަންގަވަމުން ގެންދެވި އެވެ.


މި ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމަށް ރިޔާސަތުން އަބްދުﷲ ޝާހިދު ފުރުސަތު ހުޅުވައިލެއްވުމުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ފުލުފުލުގައި ނިޒާމީ މައްސަލަ ނަންގަވައިގެން އެ ކަމަކީ ގަވާއިދާ ހިލާފަށް އެޖެންޑާކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވެ އެ މައްސަލަ އެޖެންޑާއިން ނެންގެވުމަށް ގޮވައި ރިޔާސަތަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އެވެ. މި މައްސަލައިގައި ދޭތެރެދޭތެރެއިން މަޖިލީހުގެ ތަޅުން ހޫނުވެ، މެންބަރުންގެ މެދުގައި އަޑުގަދަވެގެންދިޔަ އެވެ. އެހެން ނަމަވެސް ރިޔާސަތުން ވިދާޅުވީ އެ މައްސަލަ އެޖެންޑާ ކުރެއްވީ މަޖިލީހުގެ ގަވާއިދާއި ގާނޫނުގެ ތެރެއިން ކަމަށެވެ. އަދި އޮޑިޓަ ޖެނެރަލްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވި ކަމަށް އޭސީސީން ބުނެފައިވީ ނަމަވެސް އެ މައްސަލަ ޝަރީއަތަށް ފޮނުވި ކަމެއް އެނގިވަޑައިގެންފައި ނެތް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.


މިއަދުގެ ޖަލްސާގެ ވަގުތު ހަމަވެގެން މަޖިލިސް ނިމުނުއިރު ވެސް އޮޑިޓަ ޖެނެރަލްގެ ހިޔާނާތުގެ މައްސަލައާ މެދު ވަނީ ގޮތެއް ނުނިމި އެވެ.


މި ރިޕޯޓަށް ހުޅުވާލި ބަހުސްގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ހިޔާނާތްތެރިވެފައިވާ އެއްވެސް މީހަކު ހިމާޔަތްކުރުމަކީ އެމްޑީޕީ ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. ނަމަވެސް އޮޑިޓަރ ނެޖެރަލްގެ މައްސަލަ އެޖެންޑާކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ އެ މައްސަލަ މަޖިލީހުން ކުރިއަށް ގެންދިއުމަށް ވެސް ތަކުރާރުކޮށް ދެކޮޅު ހައްދަވަމުން ގެންދެވި އެވެ.


ނަމަވެސް އިދިކޮޅު މެންބަރުން ވިދާޅުވަމުން ގެންދެވީ ހިޔާނާތުގެ މައްސަލައެއް ސާބިތުވެފައިވާތީ އޮޑިޓަރ ޖެނެރަލް މަގާމުން ކޮންމެހެން ވެސް ދުރުކުރަންޖެހޭ ކަމަށެވެ. މިފަދަ ބޮޑު ހިޔާނާތެއް ވެފައިވާއިރު އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓުތަކާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލާއި، މަސްތުވާތަކެއްޗާ ބެހޭ ބިލު މަޖިލީހަށް ބަލައިގަނެ މީސްމީހުންގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަންކަމާ ގުޅިގެން ނެރެންޖެހޭ ކޯޓް އަމުރު ނެރުމާ ބެހޭ ބިލުގެ އިބުތިދާއީ ބަހުސް ވަނީ ކުރިއަށް ގެންދަވައިފަ އެވެ.