އދ. ވިލަމަންދޫ ރިސޯޓް އެންޑް ސުޕާގައި ޗުއްޓީ ހޭދަ ކުރަން ގޮސް އުޅުނު ޓޫރިސްޓަކު މޫދަށް އެރިއުޅެނިކޮށް ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަން ގޮސް އުޅުނު ޗައިނާގެ ފިރިހެނަކު މަރުވެގެން މިއަދު ހަވީރު 4:10 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ޗައިނާ މީހާ މަރުވި ކަމުގެ ރިޕޯޓު ލިބުމާއެކު އދ. މަހިބަދޫ ޕޮލިސް ސްޓޭޝަންގެ ތަހުގީގު ޓީމަކުން އެ ރިސޯޓަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ވިލަމަންދޫ ރިސޯޓުން "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ ޗައިނާ މީހާ މަރުވީ މޫދަށް އެރިއުޅެނިކޮށް ގެނބިގެން ކަމަށާއި އޭނާ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހަވީރު 4:00ގެ ފަހުން ކަމަށެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން އަންނަ ޓޫރިސްޓުންގެ ތެރެއިން މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތަކުގައި މިހާތަނަށް ހަތް ޓޫރިސްޓަކު މިއަހަރު ތެރޭ މަރުވެފައިވާ ކަމަށް "ސަން"ގެ އާކައިވުން ދައްކަ އެވެ. މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތަކުގައި މިއަހަރު ތެރޭ މަރުވި ގިނަ ޓޫރިސްޓުންގެ ތެރޭގައި ގިނައިން ހިމެނެނީ ޗައިނާ މީހުންނެވެ.