04 Nov 2013, 17:42
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މިހާރު އޮތީ މާލީ ގޮތުން ބަލާ އިރު މިއިން ދުވަހަކު ވެސް ނުދެކޭ ފަދަ ރަނގަޅު ހާލަތެއްގައި ކަމަށް އެ ބޭންކުން ބުނެފި އެވެ.
ރާއްޖޭގެ ގައުމީ ބޭންކުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ، އެތަނުގައި ރައްކާކޮށްފައިވާ ފައިސާގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެ، އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި 661 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
ބީއެމްއެލް އިން ބުނީ، އެ ބޭންކުން ވެސް ޓީބިލް އަށް އިންވެސްޓް ކުރާ ކަމަށާއި އެހެން ނަމަވެސް އެކަން ވެސް ކުރަނީ ވަރަށް ހަރުދަނާ އުސޫލުތަކެއްގެ މަތީން ކަމަށެވެ.
"ރާއްޖޭގެ އެހެން ބޭންކުތަކެކޭ އެއް ފަދައިން ބީއެމްއެލް އިން ވެސް ވަނީ ޓްރެޝަރީ ބިލް (ޓީ ބިލް)އަށް އިންވެސްޓް ކޮށްފައި. ބީއެމްއެލް އިން ޓީ ބިލް އަށް އިންވެސްޓް ކުރަމުން އަންނަނީ، ވަރަށް ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކުންފުނީގެ ވިޔަފާރިއަށް އެންމެ ފައިދާވާ ގޮތުގެ މަތިންނެވެ. އެގޮތުން ޓީބިލް އަށް އިންވެސްތް ކުރެވެމުން ދަނީ، ވިޔަފާރި ކުރަށްވާ ފަރާތްތަކަށާއި ވަކިވަކި ފަރުދުންނަށާއި ވަކިވަކި ސިނާއަތްތަކަށް ކަނޑައެޅިފައިވާ އުސޫލުން ލޯނު ދޫކުރުމަށް ބުރޫ ނާރާނޭ ގޮތުގެ މަތިންނެނެވެ.،" ގައުމީ ބޭންކުން ނެރުނު ނޫސްބަޔާނެއްގައިވެ އެވެ.
ގައުމީ ބޭންކުން ބުނީ، އެތަނުގެ ވިޔަފާރި ހަރުދަނާކޮށް ބައްޓަންކޮށްފައި ގޮތުގެ ނަތީޖާއެއްގެ ގޮތުން ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ލިސްޓް ކުރެވިފައިވާ އެހެން ކުންފުނިތަކަށް ނުލިބޭ ފަދަ މާލީ ކުރިއެރުން އެ ބޭންކަށް ލިބިފައިވާ ކަމަށެވެ.
"ދެ ހާސް އެގާރަ ވަނަ އަހަރާ އަޅާ ބަލާ އިރު ހިއްސާދާރުންގެ ފަންޑުގައި ހުރި ފައިސާގެ އަދަދު ވަނީ، 767 މިލިއަން ރުފިޔާ އިން 1.9 ބިލިއަން ރުފިޔާ އަށް އިތުރު ވެފައި. އެމްއެމްއޭ އިން ކަނޑައަޅާފައި ވަނީ، ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ (ރައުސުލްމާލުގެ ފުދުންތެރިކަން) ދަށްވެގެން 12 ޕަސެންޓްގައި ހިފެހެއްޓުމަށް. ނަމަވެސް ބީއެމްއެލްގެ މާލީ ބިންގާ ހަރުދަނާ ކަމުން އެ އަދަދު ވަނީ 26 ޕަސެންޓްގައި ހިފެހެއްޓިފައި،" ބީއެމްއެލް އިން ބުންޏެވެ.
ގައުމީ ބޭންކުން އިތުރަށް ބުނީ އެބޭންކު މިވަގުތު އޮތީ ވަރަށް ހަރުދަނާ ބިންގަލެއްގެ މަތީގައި ކަމަށާއި އެހެން ކަމުން ބޭންކުގައި ކަސްޓަމަރުން ރައްކާކޮށްފައިވާ ފައިސާގެ ރައްކާތެރިކަމާމެދު ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.