04 Nov 2013, 17:36
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް މިރޭ ސިޔާސީ ޕާޓީތަކަށް ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ރިޔާސީ އިންތިހާބާ ބެހޭ ގޮތުން އަމަލު ކުރާނެ ގޮތް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ކަލަންޑަރުގައި ބުނެފައިވާ ގޮތުން ވޯޓާސް ލިސްޓް ޗެކްކުރުމަށް ޓަކައި ކެންޑިޑޭޓުންނަށް އެ ލިސްޓް މާދަމާ އަށް ފޮނުވަން ޖެހެ އެވެ. އަދި އެ ލިސްޓުގެ ޝައްހަކަން ކެންޑިޑޭޓުން ބެއްލެވުމަށް ފަހު ލިސްޓުތަކުގައި ސޮއިކުރުމަށް ހަމަޖައްސައިފައި ވަނީ ނޮވެމްބަރު 6 ވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު މިއަދު ސަންއަށް ވިދާޅުވީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް ކެންޑިޑޭޓުންނަށް ފޮނުވުމުގެ މަސައްކަތް މިރޭ ކުރިއަށް ގެންދަވާނެ ކަމަށެވެ. ކެންޑިޑޭޓުންނަށް ފޮނުވުމަށް ހަމަޖައްސާފައި ވަނީ ޕީޑީއެފް އަދި އެކްސެލް ފޯމޭޓްގައި ތައްޔާރުކޮށްފައިވާ ސޮފްޓް ކޮފީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓްގެ ސޮޕްޓް ކޮޕީގެ އިތުރުން ހާޑް ކޮޕީ ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ނަމަ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ހާޑް ކޮފީ ބޭނުންވާ ފަރާތްތަކުން މިއަދު ހަވީރު 4 ޖެހުމުގެ ކުރިން އެކަން އެކޮމިޝަނަށް އެންގުމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އާސިމް ވިދާޅުވީ އެއްވެސް ޕާޓީއަކުން ހާޑް ކޮޕީ ބޭނުން ވެގެން އެ ކޮމިޝަނަށް ހުށަހެޅިކަން އަދި އެނގިވަޑައިނުގެންނަވާ ކަމަށެވެ.