04 Nov 2013, 17:12
މިއަހަރުގެ ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަން(އީސީ) ހިމެނޭ ސަރަހައްދާއި އެ ކޮމިޝަނަށް ވަދެ ނިކުތުން ފުލުހުން ކޮންޓްރޯލު ކޮށްފައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އެންގި ގޮތާ ޚިލާފަށް ކަމަށް ޕޮލިސް އިންޓަގްރިޓި (ޕީއައިސީ)އިން ބުނެފި އެވެ.
ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަން ހިމެނޭ ސަރަހައްދު ފުލުހުންގެ ބާރުގެ ދަށަށް ގެނެސް، އީސީ ހިންގާ ޕޯޓްސް ބިލްޑިންއަށް ވެދެ ނުނުކުމެވޭ ގޮތަށް ފުލުހުން ބަންދު ކުރި މައްސަލައާ ގުޅޭ ގޮތުން ޕީއައިސީން ނެރެފައިވާ ރިޕޯޓުގައި ބުނެފައި ވަނީ އީސީ ހިމެނޭ ސަރަހައްދާއި އެ ކޮމިޝަންގެ އޮފީހަށް ވަނުން ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭ ފުލުހުން ކޮންޓްރޯލް ކޮށްފައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސް ލިޔުމުން އިލެކްޝަނަށް އެންގި ގޮތާއި ހިލާފަށް ކަމަށެވެ. އެ ކޮމިޝަން ފުލުހުން ބަންދު ކުރީ ސުޕްރީމް ކޯޓުގެ އަމުރުން ބާރު ލިބިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށް ވެސް ޕީއައިސީގެ ތަހުގީގީ ރިޕޯޓުގައި ބުނެފައިވެ އެވެ.
ޕީއައިސީން ބުނީ އިލެކްޝަނަށް ރިޔާޒު ފޮނުވި ސިޓީގައި ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންނަށް އޮފީހަށް ވަދެ ނުކުމެ އުޅުމަށް އެއްވެސް ދައްޗެއް ފުލުހުން ކުރިމަތި ނުކުރާނެ ކަމަށާއި ނަމަވެސް އެ ކޮމިޝަނަށް ވަންނަ އެހެން މީހުންގެ މައުލުމާތު ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކާ ހިއްސާ ކުރުމުން އިމާރާތަށް ވައްދާނެ ކަމަށެވެ.
ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭ އިލެކްޝަންގެ މުވައްޒަފުން އެ ކޮމިޝަން ހިމެނޭ ސަރަހައްދާއި އެ ކޮމިޝަންގެ އޮފީހަށް ވަދެ ނިކުތުން ފުލުހުން ކޮންޓްރޯލު ކުރުމުގައި ކޮމިޝަނުގެ މަސައްކަތްތަކަށް ދަތިވީ އިލެކްޝަންގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމުތަކާ ހަވާލުވެ ހުރި ކޮމާންޑަރުގެ އިހުމާލުން ކަން އެނގެން އޮންނާތީ އޭނާގެ މައްޗަށް އިދާރީ ފިޔަވަޅު އެޅުމަށް ޕީއައިސީން ވަނީ މިނިސްޓަރަށް ލަފާ ދިނުމަށް ނިންމާފަ އެވެ. ނަމަވެސް އެ ކޮމާންޑަރުގެ ނަމެއް ޕީއައިސީއަކުން ނުބުނެ އެވެ.
އެގޮތަށް ނިންމީ މައްސަލަ ހިނގައިދިޔަ ވަގުތު ކޮމާންޑަރަކަށް ހުރީ އޭނާ ކަމަށް އޭނާގެ ބަޔާނުގައި ބުނެފައި ވާތީ އާއި ކޮމިޝަނުގެ މުވައްޒަފަކަށް ވަދެ ނިކުތުމުގެ ދަތިތަކެއް ކުރިމަތިވުމުން އެ ސަރަހައްދުގައި ޑިއުޓީއަށް ތިބި ފުލުހުން އަމަލު ކުރަނީ އެ ވަގުތުގައި ހުންނަ ކޮމާންޑަރަކު އަންގާ ގޮތެއްގެ މަތިންކަން ތަހުގީގުން އެނގެން އޮންނާތީ ކަމަށެވެ.
ޕީއައިސީން އަދި ބުނީ 27 ވަނަ ދުވަހުގެރޭ އިލެކްޝަން ކޮމިޝަންސްގެ މުވައްޒަފުން އެ ކޮމިޝަން ހިމެނޭ ސަރަހައްދާއި އެކޮމިޝަންގެ އޮފީހަށް ވަދެ ނުކުތުން ފުލުހުން ކޮންޓްރޯލު ކުރުމުގެ ސަބަބުން ކޮމިޝަނުގެ މަސައްކަތްތަކަށް ދަތިވި ދަތިވުންތަކަކީ ގަސްދުގައި ދަތިކުރަން ކުރި ކަންތައްތަކަށްވުރެން ބޮޑަށް އިލެކްޝަންސް ކޮމިޝަންގެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންގެ އިހުމާލުން ދިމާވެފައިވާ ކަންތައްތަކެއް ކަމަށް ބެލެވެން އޮތް ކަމަށެވެ. އަދި އެކަން އެހެން ދިމާވީ ކޮމިއުނިކޭޝަނަށް އެކަށީގެންވާ ސަމާލުކަން ދީފައި ނެތުމުން ކަމަށް ޕީއައިސީން ވަނީ ނިންމާފަ އެވެ.
އެ މައްސަލަތައް ދިމާވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ކޮމިޝަނާ އޮފް ޕޮލުސް އަބުދުﷲ ރިޔާޒުއާ ގުޅުމުން އެއީ ކޮމިއުނިކޭޝަން މައްސަލައެއް ކަމަށާއި އެކަން ހައްލުކޮށް ދޭނަމޭ ވިދާޅުވި ކަމާއި އެ ވިދާޅުވިގޮތާއި އެއްގޮތަށް މައްސަލަ ހައްލުވިކަން އެނގެން އޮތް ކަމަށް ޕީއައިސީގެ ތަހުގީގަށްފަހު ނެރުނު ރިޕޯޓުގައިވެ އެވެ.