04 Nov 2013, 17:00
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އަށާއި ސްޓެލްކޯ އަށް މިދިޔަ އަހަރު ބޮޑު ފައިދާއެއް ވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީ އިން މިއަދު އާންމުކޮށްފައިވާ ސަރުކާރުގެ ކުންފުނިތަކުގެ ހިސާބުތަކުގެ ތެރެއިން އެމްޑްބިލިޔްއެސްސީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 120 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ. އަދި 2011 ވަނަ އަހަރުގެ ސާފު ފައިދާ އިން ސަރުކާރުގެ އާމްދަނީ އަށް 73.4 މިލިއަން ރުފިޔާ ދައްކަން ނިންމަވާފައިވާ ކަމަށް ބުނެފައިވެ އެވެ.
އެމްޑަބްލިޔުއެސްސީ އިން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ޕްރޮޕޯސްޑް ޑިވިޑެންޑްގެ ތެރެއިން 90.2 މިލިއަން ރުފިޔާ 2012 ވަނަ އަހަރު ސަރުކާރަށް ދައްކާފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީ އިން ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީ އިން ބުނީ މިދިޔަ އަހަރު އެމްޑަބްލިޔުއެސްސީ އިން ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކޮށް ފެނުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓު، "ވޯޓާ ސެކިއުރިޓީ ފޯ ގްރޭޓާ މާލެ ރީޖަން"ގެ ދަށުން ހޮންކޮންގް ޝެންގްހައި ބޭންކިން ކޯޕަރޭޝަން ލިމިޓެޑުން 194.2 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާ ކަމަށެވެ. އަދި އެ ލޯނު ނެގުމަށް ރަހުނުގެ ގޮތުގައި ބިން ދެއްކުމަށް ފިނޭންސް މިނިސްޓްރީ އިން މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށް ބުނެފައިވެ އެވެ.
އެމްޑަބްލިޔުއެސްސީ އިން 23 އިންވެސްޓެއް މިދިޔަ އަހަރުކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީ އިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސާފު ފައިދާގެ ގޮތުގައި ސްޓެލްކޯ އަށް 29.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
މިދިޔަ އަހަރު ސުޓެލްކޯ އިން ހިންގާފައިވާ ބޮޑެތި ބައެއް ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލޭގެ ޑިސްޓްރިބިއުޝަން ނެޓްވޯކް ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ދެ ސަރަޙައްދެއްގައި އެޗްވީ ކޭބަލް އަޅައި އެމްވީއައި އެކެއްގެ ދެ ޕެކޭޖް ސަބްސްޓޭޝަން ބަހައްޓައި ކަރަންޓު ދިނުމާއި ކ. ގުޅީގައި 80 ކިލޯ ވޯޓް އަދި 120 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ބަހައްޓައި ކަރަންޓު ދޫކޮށްފައިވެ އެވެ. އަދި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް ގިނަ ޕުރޮޖެކްޓްތަކެއް ހިންގާފައިވެ އެވެ.