04 Nov 2013, 16:54
އިރުކޭތައިގެ އާއްމު ދެ ވައްތަރާ ތަފާތު، ތިންވަނަ ވައްތަރެއްގެ އިރުކޭތައެއް މިއަދު ޖީއެމްޓީ ގަޑީން ހިފައިފިއެވެ.
އިރުކޭތައިގެ އާއްމު ދެ ވައްތަރުގެ ތެރެއިން އެއް ވައްތަރަކީ މުޅި އިރު ހަނދާ ނިވައި ވެ ފޮރުވޭ އިރުކޭތައެވެ. ދެވަނަ ވައްތަރަކީ ހަނދާ ދުނިޔެއާ ދެމެދުގައި ހުންނަ ދުރުމިނުގެ ސަބަބުން، ހަނދުގެ ފަހަތަށް އިރު ދާ އިރު، ހަނދުގެ ވަށައިގެން، އަލީގެ އަނގޮޓިއެއްގެ ސިފައިގައި، އިރު ފެންނާން ހުންނަ އިރުކޭތައެވެ.
މިއަދު ހިފި އިރުކޭތައަކީ މި ދެ ވައްތަރުގެ އެކުލެވުމެކެވެ. ސައިންސްވެރީން ބުނާ ގޮތުގައި މިއީ އިރުކޭތައިގެ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެކެވެ. އެންމެ ފަހުން މިފަދަ އިރުކޭތައެއް ހިފައިފައި ވަނީ 2005 ވަނަ އަހަރުއެވެ.
މިއަދުގެ އިރުކޭތަ އެންމެ ފުރަތަމަ ފެނިފައި ވަނީ އެމެރިކާގެ ފްލޮރިޑާގެ ޝަހަރެއް ކަމަށް ވާ ޖެކްސަންވިލްގެ އިރުމަތީން 620 މޭލު ދުރަށެވެ. އެއީ އެ ސަރަހައްދަށް އިރު އެރިތާ ހަތަރު ސިކުންތު ފަހުންނެވެ.
މިއަދުގެ އިރުކޭތަ ދެމިހުރީ އެއް މިނިޓު ތިރީސް ނުވަ ސިކުންތުގެ ވަގުތުކޮޅަކަށެވެ.
މިއަދުގެ އިރުކޭތަ އެންމެ ފުރަތަމަ ފެނިފައި ވަނީ އެމެރިކާގެ އިރުމަތީ އައްސޭރީގެ ސަރަހައްދަށެވެ. އެއަށްފަހު އެޓްލާންޓިކް ކަނޑުގެ ސަރަހައްދުން އައިސް އެފްރިކާގެ އިރުމަތީ ބިތަށް ވެސް ކޭތަ ފެނިފައި ވެއެވެ. އޭޝިއާގެ ބޮޑު ބަޔަކަށް މި އިރުކޭތަ ފެނިފައެއް ނުވެއެވެ.
އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނި ގޮތުގައި މިއީ އެޓްލާންޓިކް ކަނޑަށް ފެނިފައި ވާ އެންމެ ފުރިހަމަ އިރުކޭތައެވެ.
މިއަދުގެ އިރުކޭތަ އެންމެ ރީތިކޮށް ފެނުނު އެއް ސަރަހައްދަކީ އެފްރިކާގެ ގައުމެއް ކަމަށް ވާ ކެންޔާއެވެ. ކެންޔާގައި އިރުކޭތަ ބެލުމަށް ޓަކައި ފަތުރުވެރީންގެ އެތައް ސަތޭކަ ބަޔަކު ވަނީ އެ ގައުމަށް ދަތުރު ކޮށްފައެވެ.