ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އަހުމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ދިފާއުގައި ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އަންގައިފި އެވެ.

ޕީޖީ މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލާގައި ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް އެންގުމަށް މިއަދު މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ފާސްކުރީ، އެ ކޮމެޓީ ހިންގަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ އެ ކޮމެޓީގެ ތިއްބެވި އެމްޑީޕީއާ އިދިކޮޅު މެންބަރުން އަޑުގަދަ ކުރައްވަމުން ގެންދަން ފެއްޓެވުމުންނެވެ.

މުއިއްޒުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޖަވާބުދަރީވެވަޑައިގަތުމަށް މުއިއްޒު މަޖިލީހަށް މިއަދު މެންދުރު ފަހު ހާޒިރު ކުރައްވާފައިވާ އިރު މެންބަރުންގެ ހަމަނުޖެހުންތަކާ އެކު ކޮމެޓީގައި އަނގަބަހުން ޖަވާބު ދާރީވުމަށް ކޮމެޓީ އަށް މުއިއްޒު ނުވައްދަވަ އެވެ.

ކޮމެޓީ ކުރިއަށް ގެންދިއުމާ ދެކޮޅު ހެއްދެވި މެންބަރުން ވިދާޅުވެފައި ވަނީ ޕީޖީގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ކޮމެޓީގައި ދައުލަތުން ދައުވާ އުފުލާފައިވާ ބައެއް މެންބަރުން ތިއްބެވުމަކީ މަސްލަހަތު ފުށުއަރާ ކަމަކަށް ވާތީ އެއީ ގާނޫނުގެ ރޫހާ ހިލާފުކަމެއް ކަމަށެވެ. އަދި ޕީޖީ އޮފީހުން ދައުވާ އުފުލައިގެން ޝަރީއަތް ކުރިއަށްދާ މެންބަރުން ކޮމެޓީން "އެއްފަރާތް ނުވެ" ކޮމެޓީ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.

މިއަދު ކޮމެޓީގައި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ފޯނުން ލަވަޖަހާ އަޑުގަދަކުރައްވާފައިވާ އިރު ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވަނީ ދުފާއެއްޗެހި އަޅާފައި ހުރި ތަށިން މޭޒުމަތީގައި ތަޅައި އަޑުގަދަ ކުރައްވައިފަ އެވެ.

ކޮމެޓީގައި އަޑު ގަދަވުމާ ގުޅިގެން ކޮމެޓީ އަށް ޕީޖީ ހާޒިރުކުރެވޭ ފަދަ މާހައުލެއް އޮތް ކަމަށް ގަބޫލު ނުކުރެއްވޭތީ މުއިއްޒު ކޮމެޓީ އަށް ލިޔުމުން ޖަވާބު ދާރީވުމަށް އަންގާފައި ވަނީ މިރޭ 9:00 ކުރިންނެވެ.

މުއިއްޒުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ދިފާއުގައި ޖަވާބުދާރީ ވެވަޑައިތުމަށް މިދިޔަ ބުރާސްފަތި ދުވަހު ވެސް އެމަނިކުފާނު ވަނީ ކޮމެޓީ އަށް ހާޒިރުކޮށްފައިވެ އެވެ. އަދި މިއަދު ކޮމެޓީ އަށް ހާޒިރުވެވަޑައިގަތުމަށް އެންގީ އެމަނިކުފާނަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށް ވިދާޅުވުން ތިން ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގަ އެވެ.