04 Nov 2013, 16:38
ހެލްތު މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން މިނިސްޓަރު އޮފް ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓްސް ޑރ. އާމާލް އަލީއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފި އެވެ.
އެ މަގާމު ވަގުތީ ގޮތުން އާމާލު އަލީއާ ހަވާލު ކުރައްވާފައި މިވަނީ މިނިސްޓަރު އޮފް ހެލްތްގެ މަގާމުން ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ޑރ. ޖަމްޝީދުގެ އިސްތިއުފާ ގަބޫލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއެއްގައި ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އަދި އޭގެ ކުރިން މިނިސްޓަރު އޮފް ހެލްތު އެންޑް ފެމިލީގެ މަގާމުގައި ހުންނަވައިގެން، ސިއްހީ ދާއިރާގެ ކަންކަން ރަނގަޅު ކޮށްދެއްވުމަށް، މި ސަރުކާރުގައި އެމަނިކުފާނު ކޮށްދެއްވާފައިވާ އިހުލާސްތެރި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.
ޑރ. ޖަމްޝީދު އެމަގާމުން އިސްތިއުފާދެއްވީ އިންޑީއާގެ ނިއު ދިއްލާގައި ހުންނަ އދ.ގެ އިދާރާ އިން ރަނގަޅު ވަޒީފާއެއް އެމަނިކުފާނަށް ލިބިވަޑައިގަތުމާ ގުޅިގެން އެ ވަޒީފާ ހަމަޖެހިފައި ވާތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.