ހދ. ކުމުންދޫ، ރަތްވިލާގެ ޢަލީ ޢަބްދުލްވާޙިދުގެ އުފަންދަރި އަދި ހދ. ކުމުންދޫ، ފިނިވާގެ ޙަލީމަތު ޢަބްދުލްވާހިދުގެ ދޮންދަރިފުޅު އަޙްމަދު ނަބީލު،11، ވީނުވީއެއް ނޭނގި ގެއްލުނު މައްސަލާގައި އެ ދެމަފިރިން ހަ މަސް ދުވަހަށް ގޭބަންދު ކުރުމަށް ހުކުމްކޮށްފި އެވެ.


ކްރިމިނަލް ކޯޓުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، 2008 އޮގަސްޓް،24 ވަނަ ދުވަހު، ނަބީލު ވީނުވީ ގޮތެއް ނޭނގި ގެއްލިފައި ވަނީ އެ ދެ މީހުން އެކުއްޖާ އަށް ދޭން ޖެހޭ އަޅާލުމާއި އޯގާތެރިކަން ނުދީ އެ ކުއްޖާ އެކަހެރިކޮށް އެކުއްޖާއާ މެދު ސަމާލުކަން ދޭންވާ މިންވަރަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ކަމަށެވެ.


އެހެންކަމާ އެކު ދައުލަތުން އެ ދެމީހުންގެ މައްޗަށް ކުރައްވާފައިވާ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާއަށް އެ ދެމީހުން އިންކާރު ކުރިއަސް، ހެކިންގެ ހެކިބަހުން އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި ގޭ ބަންދަށް ހުކުމް ކުރީ އެހެންވެގެން ކަމަށެވެ.