އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބާ ބެހޭ މަޝްވަރާތައް ކުރުމަށް ރިޔާސީ ކެންޑިޑޭޓުންނާ ބައްދަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ދެއްވާފައިވާ ދައުވަތު ތިން ކެންޑިޑޭޓުންގެ ފަރާތުން ވެސް ގަބޫލުކުރައްވައިފި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓް އަބްދުﷲ އަމީން މިއަދު ވިދާޅުވީ ރައީސްގެ އެ ނިންމެވުމަކީ ވަރަށް މުހިންމު ނިންމެވުމަށް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީން ދެކެވަޑައިގެންނަވާ ކަމަށާއި އެ ބައްދަލުވުމުގައި ޔާމީން ބައިވެރިވެވަޑައިގެންނަވާނެ ކަމަށެވެ.

"ގައުމަށް މިހާ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ގައުމުގެ ކަންކަން ހައްލުކޮށް މަޝްވަރާ ކުރުމަށް ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ޕީޕީއެމުން ބައިވެރިވާނެ،" އަމީން ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ އިންތިހާބީ އެޖެންޓް އަދި ގާނޫނީ ވަކީލު ހަސަން ލަތީފު މިއަދު ސަން އަށް ވިދާޅުވީ އެ ބައްދަލުވުމުގައި ބައިވެރިވެވެވަޑައިގަތުމަށް ރައީސް ނަޝީދު ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ރައީސް ވަހީދު އެ ކުއްރަވާ ކަމަކީ ވަރަށް ހުތުރު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ނަޝީދު ދެކެވަޑައިގެންނަވާ ގޮތުގައި ވަހީދު އެކުއްރައްވަނީ ވަރަށް ގޮތެއް ނެތް ކަމެއް. 19 އޮކްޓޯބަރުގައި ބާއްވަން އޮތް އިންތިހާބު ހުއްޓުވީ ވެސް ސީދާ ވަހީދު. މިހާރު އެ މަސައްކަތް ކުރައްވަނީ ބޭރުގެ ފަރާތްތަކަށާއި ރާއްޖޭގެ ފަރާތްތަކަށް ދެއްކުމަށް ރައީސް ހުންނެވީ އިންތިހާބު ބޭއްވުމުގައި އެއްބާރުލުން ދެއްވަން ކަން،" ލަތީފު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގާސިމް އިބްރާހިމްގެ އިސް ތަރުޖަމާނު އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ ރައީސް ވަހީދު އިސް ނަންގަވައިގެން ބާއްވަވާ އެ ބައްދަލުވުމުގައި އެ ޕާޓީގެ ކެންޑިޑޭޓް ބައިވެރިވެވަޑައިގެންނަވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ގައުމަށް ޓަކައި ކުރެވޭ ކޮންމެ ކަމެއްގައި މީގެ ކުރިން ވެސް ގާސިމް ބައިވެރިވެވަޑައިގެންނަވާފައި ވާތީ އެ އުސޫލުން ކަމަށެވެ.

"ގައުމަށްޓަކައި ގައުމުގެ ސުލްހަމަސްލަހަތަށް ޓަކައި ގައުމުގެ މައްސަލަތަކުގައި މަޝްވަރާ ކުރުމަށް ބޭއްވޭ އެފަދަ ކޮންމެ ބައްދަލުވުމެއްގައި ވެސް ގާސިމް މީގެކުރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައި، އެ އުސޫލުން އެ ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ." ހަލީލް ވިދާޅުވި އެވެ.

ރައީސް ވަހީދު ރިޔާސީ ތިން ކެންޑިޑޭޓުންނާއި ބައްދަލުކުރެއްވުމަށް ހަމަޖައްސަވާފައި ވަނީ މާދަމާ ނޫން އަނެއް ދުވަހުގެ މެންދުރު ކުރީ 11.30ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. ތިން ކެންޑިޑޭޓުންނާއި ރައީސް ބައްދަލުކުރައްވަން ނިންމެވީ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން، އިންސާފުވެރި، އަދި އޮމާން ސުލްޙަވެރި އިންތިހާބަކަށް ހެއްދެވުމަށް ކަމަށެވެ.