މިދިޔަ މަހުގެ 19 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް ރިޔާސީ އިންތިޚާބަށް ފުލުހުންގެ މުޅި މުއައްސަސާ އިން ހުރަސް އަޅާފައި ނުވާ ކަމަށާއި ނަމަވެސް އިންތިޚާބު ބާއްވަން ހަމަޖެހިފައި އޮތް ދުވަހުގެ ފަތިހު އިލެކްޝަންސް ކޮމިޝަން ކައިރީ ސެކިއުރިޓީ ބަލަހައްޓަން އެވަގުތު އިސްކޮށް ހަރަކާތްތެރިވި ފުލުސް އޮފިސަރުގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއަސީ)ން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ބާއްވަން ހަމަޖެއްސި އިންތިޚާބު އެ ދުވަހުގެ ހެނދުނުވީ ފަހުން ކެންސަލްކޮށްފައި ވަނީ، ރިޔާސީ އިންތިޚާބު ފުލުހުން ހުއްޓުވި ކަމަށް ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން ޕީއައިސީން މިއަދު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ މަހު 19 ވަނަ ދުވަހުގެ ފަތިހު 5:00ގައި އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ހާޒިރީ އިލެކްޝަންސް ކޮމިޝަނުން ދަރުބާރުގެ އަށް ގެންދަން މަސައްކަތް ކުރުމުން އެއްވެސް ލިޔެކިޔުމެއް އިލެކްޝަނުން ބޭރަށް ނުގެންދެވޭނެ ކަމަށް އެވަގުތު އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަން އިސްކޮށް ހަރަކާތްތެރިވި ފުލުސް އޮފިސަރު އިލެކްޝަނުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ އެންގުމަކީ ފުލުސް އޮފިސަރު އަމަލުކުރުމަށް އޭނާގެ އިސްވެރިން އަންގާފައިވާ ގޮތް ނޫން ކަމަށް ވެސް އެރިޕޯޓުގައި ބުނެފައިވެ އެވެ.

ޕީއައިސީގެ ރިޕޯޓުގައި ބުނީ އެކަމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަންގެ މަސައްކަތަށް ދަތިވެގެން ދިޔަ ކަން ތަހުގީގުން އެނގެން އޮންނަ ކަމަށެވެ. އަދި އޭނާގެ އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ މަސައްކަތަށް ދަތިކުރުމަށް އެ ފުލުސް އޮފިސަރު ކޮށްފައިވާ ކަމެއް ކަމަށް ކޮމިޝަނުން ނިންމައި އޭނާއާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

ޕީއައިސީން މިއަދު ނެރުނު ނުވަ ސޮފްހާގެ އެ ރިޕޯޓުގައި އަދި ބުނީ ސެކިއުރިޓީ ބަލަހައްޓަން އެވަގުތު އިސްކޮށް ހުރި އޮފިސަރަކު އޭނާ އަށް އޯޑާއައިސްފައި އޮތީ ކޮމިޝަނުގެ އިދާރާ އިން ބޭރަށް އެއްވެސް އެއްޗެއް ނެރުނަ ނުދިނުމަށް އެންގި ކަމަށާއި އެއްވެސް މީހަކު އެއްވެސް އެއްޗެއް އިލެކްޝަންސް ކޮމިޝަނުން ނެރެގެން ގެންގޮސްގެން ނުވާނެ ކަމަށް އެ ފުލުސް އޮފިސަރު ބުނެފައިވާ ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަންގެ ލީގަލް ސެކްޝަނުގެ އިސް ބޭފުޅަކު އެ ފުލުސް އޮފިސަރު ގާތު ކޮމިޝަންގެ ރައީސްއާ ފޯނުން ވާހަކަ ދެއްކުމަށް އެދުމުން އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުން ނޫން ކަމަށާއި އޭނާ އަމަލު ކުރާނީ އޭނާ އަށް އޯޑަރު އައިސްފައިވާ ގޮތަށް ކަމަށާއި އިލެކްޝަނުން އެއްޗެއް ނެރެވޭނީ އެއްޗެއް ނެރުމަށް އޭނާ އަށް އޯޑަރު އައުމުން ކަމަށް ބުނި އަޑު ފޯނުން އެހިކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ބަހުން އެނގެން އޮތް ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައި އަދި ބުނީ އިލެކްޝަނުގެ މުވައްޒަފުންތަކެއް ފޮށިގަނޑުތަކެއް ހިފައިގެން ނުކުތުމުން އެ ސަރަހައްދަށް ފޮނުވި ޓީމުގައި އިސްކޮށް ހަރަކާތްތެރިވި ފުލުސް އޮފިސަރާ ގުޅުމުން، ފޮށިތަކުގައި ހުރީ ކޮން އެއްޗެއްތޯ ބެލުމަށް އެންގި ކަމަށާއި އަދި އެއީ އިންތިޚާބުގެ އޮފިޝަލުންގެ ހާޒިރީ ކަމުގެ މައުލޫމާތު ލިބުމުން އޮޕަރޭޝަން ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީގެ އިރުޝާދުގެ މަތިން އިލެކްޝަނާ ބެހޭ އެއްވެސް އެއްޗެއް އެ އޮފީހުން ބޭރުކުރަން ވާނީ ފުލުހުންނާ ކޯޑިނޭޓްކޮށް ފުލުހުންގެ އެހީތެރިކަމާ އެކު ކަމަށް އެ މުވައްޒަފުން ގާތު ބުނިމަށާއި އެތަކެތި ނުގެންދެވޭނެ ކަމަށް ނުބުނާ ކަމަށް އިންތިޚާބުގެ އިންޓާނަލް ސެކިއުރިޓީގެ ކަންތަކުގައި އެންމެ އިސްކޮށް ހުންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބުދުﷲ ޝަރީފް ބުނެފައިވާ ކަމަށެވެ.

ޕީއައިސީގެ ރިޕޯޓުގައި ބުނީ އިލެކްޝަން ކޮމިޝަންގެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަން އިސްކޮށް ހަރަކާތްތެރިވި ފުލުސް އޮފިސަރުގެ ބަޔާނުގައި ރިޔާސީ އިންތިޚާބާ ގުޅޭ އެއްވެސް ލިޔެކިޔުމެއް އެއްތަނުން އަނެއް ތަނަށް ގެންދާ ނަމަ ފުލުހުންނަށް ގުޅައި ފުލުހުންގެ އެހީތެރިކަމާ އެކު އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ސާފުކުރުމަށް ބޭނުންވާ ނަމަ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ އަށް ގުޅުމަށް އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނަށް ދަންނަވަން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބުދުﷲ ޝަރީފް އޭނާ އަށް އަންގާފައިވާ ކަމަށް އެ އޮފިސަރު ބުނެފައިވާ ކަމަށެވެ.

ޕީއައިސީން ބުނީ އެދުވަހު އިލެކްޝަންސް ކޮމިޝަނުން ހާޒިރީތައް ނެރުނަނުދީ ހިފަހައްޓާފައި ވަނީ ސައުދީގެ އެންގެވުމަކަށް ކަން އެއްވެސް ހެއްކެއްގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ.

އަދި މިދިޔަ މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދިޔަ އިންތިޚާބު ހުއްޓުވުމަށް އެއްވެސް އިރުޝާދެއް އަދި އަމުރެއް ކޮށްފައިނުވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ވިދާޅުވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޕީއައިސީގެ ރިޕޯޓުގައި އަދި ބުނީ 19 ވަނަ ދުވަހު ހިނގައި ދިޔަ ކަންތަކަކީ، ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންގެން ދިޔަ މަސައްކަތްތަކަށް ދަތިކޮށް ހުރަސް އެޅުމަށް ފުލުހުންގެ މުޅި މުއައްސަސާ އިން އެޅިފިޔަވަޅެއް ކަމުގައި ބެލެވެން ނެތް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުންގެ މުއައްސަސާ އާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ކުރި މުއާމަލާތްތަކުގައި އެކިފަހަރު މަތިން ދިމާވެފައިވާ ގިނަ ދަތިތައް ހައްލުވެފައިވާކަން ތަހުގީގަށް އެނގެން އޮތް ކަމަށެވެ.

އެ ރިޕޯޓުގައި އަދި ބުނީ އިންތިޚާބުގެ އެއްވެސް ކަމެއްގައި ދަތިކަމެއް ދިމާވެއްޖެ ނަމަ އިލެކްޝަންކޮމިޝަންގެ ރައީސް ސީދާ ކޮމިޝަނާ އޮފް ޕޮލިސް އަށް ގުޅުއްވުމަށް އެންގެވި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ ބަހުން އެނގެން އޮތް ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއްގައި 19 ވަނަ ދުވަހުގެ ހެނދުނު އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް އިސް ބޭފުޅަކު ގުޅުއްވާފައި ނުވާކަން ކޮމިޝަނާ އޮފް ޕޮލިސްގެ ބަހުން އެނގެން އޮތް ކަމަށެވެ.

ޕީއައިސީގެ ރިޕޯޓުގައި އަދި ވަނީ ހޯމް މިނިސްޓަރު އަމަލު ކުރެއްވުމަށް، ކަންތަކެއްގެ ލަފާ އަރުވާފަ އެވެ.

އެގޮތުން ބުނެފައި ވަނީ ސުޕްރީމް ކޯޓުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ނެގުމުގެ އިންތިޒާމްތައް އަލުން ކުރުމަށް އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކުގެ މައްޗަށް އަންގާފައިވާ އަމުރުގައިވާ 16 ނުކުތާގެ ތެރެއިން ކަނޑައެޅިގެން ސަލާމަތީ ބާރެއްގެ ގޮތުން ފުލުހުން އަމަލު ކުރުމަށް ބަޔާންކޮށްފައި އޮތީ 12 ވަނަ ނުކުތާގައި ކަމަށެވެ. އަދި ދެން ހުރި ކަންކަމުގައި ފުލުހުން އަމަލު ކުރަންވީ ގޮތް ސާފުބަހުން ބަޔާންކޮށްފައިނުވާ ކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ހައްގަކާ ގުޅުންހުރި އެފަދަ ކަމެއްގައި މުޖުތަމައުގެ އަމަންއަމާންކަން ބަލަހައްޓަން ގާނޫނުން ލާޒިމު ކުރާ ފުލުހުންގެ މުއައްސަސާ އިން އަމަލުކުރެއްވުން އެންމެ ފުރިހަމަ ގޮތަކީ، ހުކުމުގައި ފުލުހުންގެ މުއައްސަސާ އިން އަމަލު ކުރުން އެންމެ ފުރިހަމަ ގޮތަކީ ހުކުމުގައި ފުލުހުންގެ މުއައްސަސާ އިން އަމަލު ކުރަންވީ ގޮތް ސުޕްރީމް ކޯޓުން އިތުރަށް ސާފުކުރުމަށް ފަހު ފިޔަވަޅުއެޅުން ކަމުގައި ފުލުހުންނަށް އަންގަވައި ދެއްވުމަށް ހޯމް މިނިސްޓަރަށް ލަފާ އެރުވުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.