04 Nov 2013, 15:45
ރާއްޖެއަށް ބޭނުންވާ ތެޔޮ ޝިޕްމަންޓް އެތެރެކުރުމަށް އެސްޓީއޯއަށް 59 މިލިއަން ރުފިޔާ މިއަދު ހަމަޖައްސައިދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ސަންއާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެސްޓީއޯއަށް މިހާރު ދޫކޮށްފައިވާ އަދަދުން ތެޔޮ ޝިޕްމަންޓް ގެނެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ އެމްއެމްއޭ މެދުވެރިކޮށް އެ ފައިސާ މިއަދު އެސްޓީއޯއަށް ދޫކޮށްފައި. އެހެންވީމަ މިވަގުތަށް ބޭނުންވާ މިންވަރަށް އެސްޓީއޯއަށް ތެޔޮ ގެނެވޭނެ،" ޖިހާދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިހާރު ހަމަޖައްސައިދިން 59 މިލިއަން ރުފިޔާއާއެކު ތެޔޮ ޝިޕްމަންޓް ގެނެވޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވި ކަމަށެވެ.
"ސަރުކާރުން ބޭނުމެއްނުވޭ ރައްޔިތުން ކަނު އަނދިރީގައި ބައިތިއްބާކަށް. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި ގެންނާނަން. މިކަމުގައި އެމްއެމްއޭގެ އެއްބާރުލުން ވެސް ލިބޭ،" ޖިހާދު ވިދާޅުވި އެވެ.
އެސްޓީއޯއިން ބުނެފައި ވަނީ ރާއްޖެއަށް ބޭނުންވާ ތެޔޮ ޝިޕްމަންޓް ގެންނަން މިވަގުތު 20 މިލިއަން ޑޮލަރު ސަޕްލަޔަރަށް ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ ދެއްކެން ނެތީ ސަރުކާރުން ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިގެން ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ތެޔޮ ޝިޕްމަންޓް ގެނައުމަށް މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި މިއަދު އެކަން މުޅިން ހަމަޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަން މިއަދު މުޅިން ހަމަޖެހޭނެ ކަމަށް ބެލެވޭ. ވީހާ އަވަހަކަށް ތެޔޮ ގެނެވޭތޯ މަސައްކަތްކުރަނީ،" ޝާހިދު ވިދާޅުވި އެވެ.