ތ. ގުރައިދޫ ބަލި މީހަކަށް އެ އަތޮޅުން ފަރުވާދިނުމަށް ފަހު އިތުރު ފަރުވާ އަށް ލ. ގަމު ރީޖިނަލް ހޮސްޕިޓަލަށް ގެންދަނިކޮށް ކަނޑުމަތީގައި ލޯންޗު ހުއްޓި އިތުރު ލޯންޗެއްގައި ގެންދަނިކޮށް މަރުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލް މެމްބަރު އިބްރާހީމް މަނިކު ދޮންމަނިކު ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި ބަލި މީހާ ގޮވައިގެން ލޯންޗެއްގައި ދަތުރުކުރަމުން ދަނިކޮށް ގަލެއްގައި ޖެހި އެ ލޯންޗުގެ ބުރަފަތި ހަލާކުވުމުން ގަމު ރީޖިނަލް ހޮސްޕިޓަލަށް ބަލިމީހާ ގެންދިޔައީ ލ. އަތޮޅުގެ ރަށަކުން ލޯންޗެއް ގެނެސްގެން ކަމަށެވެ.

ގަމު ރީޖިނަލް ހޮސްޕިޓަލްގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރު ފަޒުލާ ޔޫނުސް ވިދާޅުވީ އުމުރުން 73 އަހަރުގެ އެ އަންހެން މީހާ އެ ހޮސްޕިޓަލަށް ގެންދިޔައީ ރޭ ދަންވަރު 2:30 އެހައިކަންހާއިރު ކަމަށާއި އެއިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށެވެ.

ޑޮކްޓަރާ ހަވާލާދީ އޭނާ ވިދާޅުވީ އެމީހާ މަރުވެފައި ވަނީ ނޭވާލާ ނިޒާމާއި ހިތް ހުއްޓިގެން ކަމަށެވެ.

"ރޭ ދަންވަރު 2:30 ހާއިރު ޕޭޝަންޓް ގެނައީ. ގެނައިރުވެސް އޮތީ މަރުވެފައި،" ފަޒުލާ ވިދާޅުވި އެވެ.