04 Nov 2013, 15:29
ދެކުނު އެފްރިކާގައި ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް ފާޅުގައި އެންމެ ބޮޑު ގުރުބާނީއެއްވި އެގައުމުގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ހަޔާތާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ފިލްމް ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.
ދިގު މުއްދަތެއް ވަންދެން ގިނަ ބަޔަކު އިންތިޒާރު ކުރަމުން ގެންދިޔަ ފިލްމު "މަންޑޭލާ ލޯންގް ވޯކް ޓް ފްރީޑަމް" ތައްޔާރުކޮށްފައި ވަނީ އޭނާގެ އަމިއްލަ ހަޔާތާ ބެހޭ ގޮތުން މަންޑޭލާ ލިޔުއްވާފައިވާ "އޮޓޯބައޮގްރަފީ" އަސްލަކަށް ބަލައިގެންނެވެ.
އިރުމަތީ ކޭޕްގެ ރަށްފުށު ހިސާބުގަނޑުގައި މަންޑޭލާގެ ޅައުމުރު ފުޅުގައި އުޅުއްވި ދުވަސްވަރުން ފެށިގެން 1994 ވަނަ އަހަރު ދެކުނު އެފްރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް ކަޅުނަސްލުގެ ފުރަތަމަ ރައީސަކު ފުރަމަ ފަހަރަށް އެގައުމުގެ ވެރިކަމަށް އައި ގޮތާއި އަދިވެސް މަންޑޭލާގެ ދިރިއުޅުމުގައި ތަޖްރިބާކުރަށްވާފައިވާ ތަފާތު ކަންތައްކުގެ މައްޗަށް އެ ފިލްމުގައި އަލިއަޅުވާލާފައިވެ އެވެ.
މި އަހަރުގެ ކުރީ ކޮޅުގައި ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ކުރެއްވުމަށް ޓަކައި ތިން މަސްދުވަހު ހޮސްޕިޓަލްގައި ހޭދަކުރެއްވުމަށް ފަހު މިހާރު އަމިއްލަ ގެކޮޅުގައި އޮންނެވި އުމުރުފުޅުން 95 އަހަރުގެ މަންޑޭލާއަށް އާލާސްކަންފުޅުގެ ސަބަބުން އެ ފިލްމް ޕްރިމިއާ ކުރުމުގެ ހަފްލާގައި ބައިވެރިވެވޭ ގޮތެއް ނުވި އެވެ. އެހެން ނަމަވެސް އޭނާގެ ކުރީގެ އަނބިކަނބަލުން ވިނީ މަޑިކިޒެލާ މަންޑޭލާ ވަނީ އެ ހަފްލާގައި ބައިވެރިވެވަޑައިގެންފަ އެވެ.
"މި ފިލްމުގައި އެ ހިތްދަތި ހަނދާންތައް ސިފަކޮށްދީފައިވާލެއް ފުރިހަމަ ކަމުން ބުނާނެ އެއްޗެއްވެސް ނޭނގެ،" ފިލްމް ސްކްރީން ކުރުމުގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި ވިނީ މަންޑޭލާ ވިދާޅުވި އެވެ. "އަހަރެމެން އަބަދުވެސް ހަނދާން ކުރަން ޖެހޭނެ، މި މިނިވަންކަން ހޯދުމަށް އަހަރެމްނެ ކުރި ބުރަމަސައްކަތާއިވީ ގުރުބާނީތައް. އަހަރެމެންނަށް މި މިނިވަންކަން ލިބިފައިވަނީ ވަރަށް ބޮޑު އަގެއް ދީގެން."
ދެކުނު އެފްރިކާގެ ނަސްލީތަފާތުކުރުންތައް އޭރު ގެންގުޅުނު ސަރުކާރާ ދެކޮޅަށް އަޑުއުފުލަން އުޅުމުގެ ސަބަބުން ޖަލުގައި 27 އަހަރު ހޭދަކުރެއްވުމަށް ފަހު، ޖަލުން ނިކުމެ ވަޑައިގެން މަންޑޭލާ ވަނީ، ކަޅުމީހުންނާއި ދޮންމީހުންނާ ދެމެދު ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅުމުގެ ސަބަބުން ބައިބައިވެ ހިތި ތަޖްރިބާތަކެއް ކޮށްފައިވާ އެފްރިކާގައި އެއްބަޔަކު އަނެއްބަޔަކަށް މައާފްކުރުމަށް ގޮވާލައި އެ ގައުމު އަލުން އެއްބައިވަންތަ ގައުމެއްގެ ގޮތުގައި ހެއްދެވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފަ އެވެ. އަދި އޭނާވަނީ މުޅި ދުނިޔެއަށް ނަމޫނާ ދައްކަވައި، ސުލްހައަށް މަސައްކަތްކުރުމުގެ އެންމެ މަތީ ލަގަބު ހޯއްދަވާފަ އެވެ.
ކަޅުމީހުންނާ ދޭތެރޭގައި އޭރު އެގައުމުގައި އަމަލުކުރަމުން ގެންދިޔަ އަނިޔާވެރި ލާއިންސާނީ މަންޒަރުތައް ސިފަކޮށްދީފައިވާ، ދެ ގަޑިއިރާ ބައިގެ އެ ފިލްމު ބައްލަވަން ޖޮހޮނަސްބާގުގެ އަޕްމާކެޓް ރޯސްބޭންކުގެ ސިނަމާގައި ތިއްބެވި އެގައުމުގެ ބައެއް އިސްވެރިންނަށް އެބޭފުޅުންގެ އިހްސާސްތައް ކޮންޓްރޯލް ނުކުރެވިގެން ލޮލުން ކަރުނަ ފޭބިކަމަށްވެ އެވެ.
"ފިލްމު ބަލަމުން ގެންދިޔަ އިރު އަޅުގަނޑަށް ވަރަށް ގިނަފަހަރު ރޮވުނު،" ސިނަމާއިން ނުކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޖަސްޓިސް މިނިސްޓަރު ޖެފް ރަދޭބޭ ވިދާޅުވި އެވެ. "މިއީ ޖަޒުބާތުން ފުރިގެންވާ ފިލްމެއް."
އޭނާ ވިދާޅުވީ އެފިލްމުން ދައްކުވައި ދެނީ ހަމަ އެކަނި މަންޑޭލާގެ ހަޔާތްޕުޅު އެކަނި ނޫން ކަމަށާއި ފިލްމުގައި ދެކުނު އެފްރިކާގެ ރައްޔިތުން ތަހައްމަލުކުރި ހިތްދަތި ދުވަސްތައްވެސް ވަރަށް ފުރިހަމައަށް ސިފަކޮށްދީފައިވާ ކަމަށެވެ.
މަންޑޭލާގެ ގާތް އެކުވެރިއެއް ކަމަށްވާ އަދި އޭނާގެ ލޯޔަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޖޯޖް ބިޒޯސް ވިދާޅުވީ، އެ ފިލްމަކީ ދެނުކު އެފްރިކާގެ ތާރީހަށް ވެސް ވަރަށް މުހިއްމު ފިލްމަކަށް ވެގެންދާނޭ ކަމަށެވެ.
"އަހަރެން އުންމީދުކުރަން ދެކުނު އެފްރިކާގެ ރައްޔިތުން މި ފިލްމު ބެލުމަށް ފަހު އިބްރަތްތަކެއް ހާސިލްކުރާނޭ ކަމަށް. މިއިން ދައްކުވައިދެނީ ހަމައެކަނި މަންޑޭލާ އޭނާގެ މިނިވަންކަން ގުރުބާން ކުރެއްވި ކަންތައް އެކަންޏެއް ނޫން. މި ފިލްމުގައި ދައްކުވައިދޭ މުހިއްމު ކަންތައްތަކުގެ ތެރޭގައި މިގައުމުގެ ސުލްހަވެރިކަން ގާއިމްކުރުމަށް މަންޑޭލާ ކުރެއްވި މަސައްކަތްޕުޅުތައްވެސް ވަރަށް ތަފްސީލް،" ބިޒޯސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާލާސް ކަންފުޅާ އުޅުއްވުމުގެ ސަބަބުން ފިލްމްގެ ޕްރިމިއާގައި ބައިވެރިވެ ވަޑައި ނުގެންނެވުނު ނަމަވެސް އެ ފިލްމާ ދޭތެރޭގައި މަންޑޭލާ ފަހުރުވެރިވެވަޑައިގަންނަވާނޭ ކަމަށެވެ.
ފިލްމުގައި މަންޑޭލާ 1990 ވަނަ އަހަރު ޖަލުން މިނިވަން ކުރެއްވި އަދި މަންޑޭލާއާ އެކު 1993 ވަނަ އަހަރު ސުލްހައިގެ ނޯބެލް އިނާމް ހާސިލް ކުރެއްވި އޭރުގެ ރައީސް އެފްޑަބްލިޔު ޑި ކްލާކްގެ ރޯލު ކުޅެފައިވާ ޖީސް ޑީ ވިލިއާސްގެ އަންހެނުން ޖެސީ ޑި ވިލިއާސް ބުނީ، ފިލްމު ބަލަމުން ގެންދިޔަ ވަގުތު އޭނާގެ "ހިތް ފަޅައިގެން ނުދިޔައީ ކިޔާ" ކަމަށެވެ.
ފިލްމުގައި މަންޑޭލާގެ ބައި އަދާކޮށްފައި ވަނީ ބްރިޓިޝް އެކްޓަރު އިދްރީސް އެލްބާ، 41 އެވެ. އަދި މަންޑޭލާގެ ކުރީގެ އަނބިކަނބަލުން ވިނީގެ ރޯލް އަދާކޮށްފައި ވަނީ ހަމަ ބްރިޓިޝް އެކްޓަރެއް ކަމަށްވާ ނައޯމީ ހެރިސް އެވެ.
މި ފިލްމު ދެކުނު އެފްރިކާގެ ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އަދި އެމެރިކާގެ ސިނަމާތަކަށް ފިލް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ ޑިސެންބަރު މަހުގެ ތެރޭގަ އެވެ.