04 Nov 2013, 15:23
މިޔަންމާގެ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެގައުމުން ފިލައިގެން ބަންގްލަދޭޝް އަށް ދިއުމަށް ދަތުކުރި ބޯޓެއް ފެތި އެތައް ބަޔަކު ގެއްލިއްޖެ އެވެ.
މިޔަންމާގެ ރާޚިން ސްޓޭޓްގައި ހަރަކާތްތެރިވަމުން އަންންނަ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ "އެކްޝަން އެގެއިންސްޓް ހަންގާ" މެމްބަރަކާ ހަވާލާދީ އަލްޖަޒީރާ ބުނީ ފެތުނު ބޯޓުން 70 މީހުން ދަތުރުކުރި ކަމަށެވެ. އަދި އޭގެ ތެރެއިން މިހާތަނަށް ސަލާމަތް ކުރެވުނީ އެންމެ އަށް މީހުން ކަމަށް ވެސް އޭނާއާ ހަވާލާދީ އަލްޖަޒީރާ ބުންޏެވެ.
ރޯހިންޔާ މުސްލިމުންގެ މިހާ ގިނަ އަދަދެއްގެ މީހުން ޣަރަގު ވެފައި މިވަނީ ގިނަ އަދަދެއްގެ މީހުން ނާއުއްމީދުވެ، މިގޮތަށް ދަތުރުކުރާނެ ކަމަށް އދ.ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ބުނެފައި ވަނިކޮށެވެ. މިޔަންމާގެ ރާޚިން ސްޓޭޓްގެ މުސްލިމުން ކުރާ އެދަތުރަކީ ނުރައްކާތެރި ދަތުރެއް ކަން އެ އެޖެންސީން ވަނީ ފާހަގަކޮށްފަ އެވެ.
ޔޫއެން ހައިކޮމިޝަން ފޯ ރެފިއުޖީސް އިން ބުނެފައި ވަނީ މިއަހަރުގެ މިހާތަނަށް ރާޚިން ސްޓޭޓުން 1500 އަށް ވުރެ މީހުން މިދިޔަ ހަފުތާގައި ދަތުރުކުރި ކަމަށާއި މީހުން ޣަރަގުވި ކަމުގެ ރިޕޯޓްތައް ލިބުނު ކަމަށެވެ.
ރާޚިން ސްޓޭޓްގެ ބައިގިނަ ބުދުދީނުގެ މީހުންގެ އަނިޔާވެރިކަން ބޮޑުވެގެން އެސްޓޭޓްގެ ގިނަ އަދަދެއްގެ މުސްލިމުން ދަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބަންގްލަދޭޝް އިން ވެސް ދަނީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.
ރާޚިން ސްޓޭޓްގައި ވަގުތީ ހިޔާތަކުގައި އަދިވެސް 140،000 އަށް ވުރެ ގިނަ މީހުން އެބަތިވި ކަމަށް ޔޫއެން އިން ބުނެ އެވެ.