04 Nov 2013, 14:55
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދުގެ އަރިހަށް، ކޮމަންވެލްތު ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު ޑޮނަލްޑް މެކިނަން، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި މި ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭ އެކިއެކި ކަންތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި އިންތިޚާބަކީ ކާމިޔާބު އިންތިޚާބަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލެއްވުން ސަރުކާރުން ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.